ގުރޫޕްގެ އެއްވަނަ ހޯދައި ދީމާ ދެވަނަ ބުރަށް
ހަސަން ޝަމްއޫން
5/14/2024, 7:47:34 AM
ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރުއާ ފާތުމަތު ދީމާ އަލީ
ނޭޕާލްގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ އޮލިމްޕިކް ކޮލިފައިންގައި ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ، ކޮލިފައިންގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ފުރަތަމަ ބުރުގައި ދީމާ ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނުގެ ހޫރް ފަވާދާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު އޭނާ ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ދީމާ ކާމިޔާބުކުރީ 11-6، 11-8، 15-13 އަދި 13-11 އިންނެވެ.
ދެވަނަ މެޗުގައި، ސްރީ ލަންކާގެ ބިމަންދީ ބަންޑަރާއާއި ވާދަކޮށް، ވާދަވެރި ކުޅުމަކަށް ފަހު ދީމާ ކުރިހޯދީ ހަތަރު ސެޓު ތިން ސެޓުންނެވެ. އެ މެޗުގެ ސެޓްތައް ދިޔައީ؛ 12-10، 10-12، 11-4، 6-11، 11-9، 6-11 އަދި 11-9 ންނެވެ.
ރާއްޛޭގެ މިޝްކާ މުހައްމަދު އިބްރާހިމް ކޮލިފައިންގައި ކުޅުނު ދެ މެޗުގެ ތެރެއިން މޮލޫވީ ފުރަތަމަ މެޗުންނެވެ. އެ މެޗުގައި ބަންގްލަދޭޝްގެ ސޯނަމް ސޮމާއާ ދެކޮޅަށް ކުޅެ މިޝްކާ ވަނީ ސީދާ ހަތަރު ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ. އަދި މިޝްކާ ސެޓްތައް ކާމިޔާބުކުރީ 12-10، 11-9، 11-7 އަދި 11-5 ންނެވެ.
ގުރޫޕްގެ ތިންވަނައިގައި އޮތް މިޝްކާ ދެން ކުޅުނު މެޗުގައި ޕާކިސްތާނުގެ ޕެރްނިޔާ ހާންއާ ދެކޮޅަށް ކުޅެ ބަލިވީ 4-1 ންނެވެ.
ރާއްޖޭގެ ފިރިހެން ދެ ކުޅުންތެރިން ކަމަށްވާ، މޫސާ މުންސިފް އަހްމަދު ކުޅުނު ދެ މެޗުގެ ތެރެއިން މޮޅުވީ ފުރަތަމަ މެޗުންނެވެ. ނޭޕާލްގެ ސޮންޔޮގް ކަޕާލީއާ ދެކޮޅަށް ކުޅުނު މެޗު މުންސިފް ކާމިޔާބު ކުރީ ހަތަރު ސެޓު ތިން ސެޓުންނެވެ. މުންސިފް މެޗު ކާމިޔާބު ކުރީ ސޮންޔޮގް ފުރަތަމަ ދެ ސެޓު ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރަ އެވެ.
އެކަމަކު ދެވަނަ މެޗުގައި ލަންކާގެ ޗަމީރާ ގިނެގެއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމް، މުންސިފް ކާމިޔާބުކޮށްފައި ވަނިކޮށް ޗަމީރާ ވަނީ ފަހަތުން އަރައި ހަތަރު ސެޓު ތިން ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. ރާއްޖޭގެ އަނެއް ފިރިހެން ކުޅުންތެރިޔާ، އަޚްޔާރު އަހްމަދު ހާލިދު ކުޅުނު ދެ މެޗުން އޭނާ ވަނީ ބަލިވެފައެވެ.