ރާއްޖެއަށް 8 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން، އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިން
އަހުމަދު ސަދޫފް މޫސާ
5/14/2024, 6:51:45 AM
ފަތުރުވެރިންތަކެއް ރާއްޖޭގައި
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އަށް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ވުރެ 11 އިންސައްތަ އިތުރުވުމެކެވެ.
އެގޮތުން މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރީ 742،912 މީހުންނެވެ. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް 830،665 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
އެ ފަތުރުވެރިންގެ ތެރެއިން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރީ ޗައިނާގެ ފަތުރުވެރިންނެވެ. އެގޮތުން ޗައިނާއިން 92،292 ފަތުރުވެރިން ޒިޔާރަތްކުރި އިރު، އެއީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 11.1 އިންސައްތަ ފަތުރުވެރިންނެވެ.
ދެވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރީ ރަޝިޔާގެ ފަތުރުވެރިންނެވެ. އެއީ 84،055 ފަތުރުވެރިންނެވެ. އިތުރަށް އެންމެ ގިނައިން ޒިޔާރަތްކުރި ގައުމުތަކަކީ:
- އިނގިރޭސިވިލާތް - 79،507 ފަތުރުވެރިން
- އިޓަލީ - 73،214 ފަތުރުވެރިން
- ޖަރުމަނު - 65،198 ފަތުރުވެރިން
- އިންޑިޔާ - 46،970 ފަތުރުވެރިން
މި އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު، އޭގެ ކުރީ އަހަރު ސަރުކާރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިންނެވެ.