ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް ހަމްދީއަށް މަޖިލީހުން ރުހުންދީފި
އަހުމަދު ޝުރާއު
5/13/2024, 8:46:38 AM
ޕީސީބީގެ މެމްބަރުން
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރި ޙަމްދީ ޢަޤީލް އަށާއި މެމްބަރުކަމަށް އައްޔަނުކުރެއްވި ފަސް މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
މިއަދު ކުރިޔަށްދިޔަ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ޕީސީބީގެ ރައީސް ކަމަށް އައްޔަނުކުރެއްވި ޙަމްދީ ޢަޤީލް އަށާއި އެ ބޯޑުގައި ދެން ހިމެނި ވަޑައިގަންނަވާ މެމްބަރުންނަށް ރުހުން ދިނުމަށް ވޯޓުލުން ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން ވަކި ވަކިން ކުރިޔަށް ގެންދިޔަ މި ވޯޓުތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ޕީސީބީގެ ރައީސް އަށާއި މެމްބަރުންނަށް ރުހުން ދިނުމަށް ވަނީ މިއަދުގެ ޖަލްސާގައި ނިންމާފައި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ޕީސީބީގެ ރައީސްކަމަށް ހެންވޭރު ރަންގަލި 4، ޙަމްދީ ޢަޤީލް އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. ޙަމްދީ ޢަޤީލަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޙަމްދީ ޢަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ހިމެނެއެވެ.
ޕީސީބީއަށް ރައީސް އައްޔަނުކުރައްވައި މިއަދު މަޖިލީހުން ރުހުން ދިން މެމްބަރުން:
- މުހައްމަދު އާޒާދު - މެންބަރު، ފައިނޭންސް ދާއިރާ
- ލީނާ އަބްދުލްޖަލީލް - މެންބަރު، ބޭންކިން ދާއިރާ
- މޫސާ ފަތުހީ އާދަމް - މެންބަރު، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ
- އަހްމަދު ނަޝާތު - މެންބަރު، ގާނޫނީ ދާއިރާ
- ހަސަން ޒަރީރު - މެންބަރު، އިކޮނޮމިކްސް ދާއިރާ
މި ބޭފުޅުން ހިމެނޭހެން ދެން ޕީސީބީގައި ތިއްބަވަނީ އެ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒާއި މެންބަރު އަހްމަދު މުޝްތާގެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުފައްދާފައި ވަނީ ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން 2013 ވަނަ އަހަރުއެވެ. ޕީސީބީ އަށް ރައީސް އައްޔަންކުރައްވާ ބޭފުޅުންނަށް މަގާމު ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެެވެ.