
މިނިސްޓަރ ޒަމީރު
ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ގަތަރަށް ވަޑައިގެންފި އެވެ.

މިނިސްޓަރ ޒަމީރު ގަތަރަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި އެވެ. ފޮރިން މިނިސްޓްރީއިން ބުނީ ވަޒީރުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށާއި އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި ގަތަރުގެ ބޮޑުވަޒީރާއި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީއާ އެކު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި އެ މަޝްވަރާތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް އޮޅުންފިލުއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގުޅުމަށް 40 އަހަރު ފުރޭ އަހަރެވެ.
މީގެ އިތުރުން މިނިސްޓަރު ޒަމީރު ގަތަރު ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރުގެ ދަތުރުފުޅުގައި އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރ ލަމްހާ ސަލީމް ބައިވެރިވެވަޑައިގަންނަވައެވެ.