ބާކީ ތިން މެޗު އޮއްވައި އަލް ހިލާލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
ހަސަން ޝަމްއޫން
5/12/2024, 1:00:27 AM
ލީގު ޗެންޕިއަންކަން ކަށަވަރުވުން އަލް ހިލާލުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލީގު ތާވަލުގެ ފުލުގައި އޮތް އަލް ހަޒެމް އަތުން 4-1 ގެ ނަތީޖާއަކުން މޮލުވެ، ބާކީ ތިން މެޗު އޮއްވައި އަލް ހިލާލުން ލީގު ޗެންޕިއަންކަން ކަށަވަރު ކޮށްފިއެވެ.
މިމެޗަށް ނުކުތްއިރުވެސް ނުވަ ޕޮއިންޓްގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލުން ވަނީ މެޗު ފެށިގެން 15 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ ފޯވާޑް އެލެގްޒަންޑާ މިޓްރޮވިޗު އެވެ.
އަލް ހަޒެމް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮމޯރޯސްފެ މިޑްފީލްޑަރު ފާއިޒް ސެލެމާނީ އެވެ. ނަމަވެސް އޭގެ ފަސް މިނެޓުފަހުން އަލް ހިލާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑަކީ އެޓީމުގެ ސައުދީ މިޑްފީލްޑަރު އަހުމަދު އަލް ޖުވައިދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އަލް ހިލާލުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި މިޓްރޮވިޗު ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ މިޑްފީލްޑަރު ސަވިޗު އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އަލް ހިލާލުން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި އަލް ހަޒެމް އިން ވަނީ ކައުންޓާ އެޓޭކުތަކުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން އެޓީމު ކުޅުންތެރިއަކު ފައުލްކޮށްފައިވާތީ އެއީ ލަނޑެއް ނޫން ކަމަށެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-4 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 31 މެޗުން އަލް ހިލާލަށް 89 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް އަލް ނަސްރަށް 31 މެޗުން ލިބިފައިވަނީ 77 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި އަލް ހަޒެމް އަށް 31 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.