ޗެންޕިއަންސް ލީގު ކާމިޔާބުކުރާނީ ޑޯޓްމަންޑް: ރިވާލްޑޯ
ހަސަން ޝަމްއޫން
5/10/2024, 1:40:37 PM
ރިވާލްޑޯ
ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރާ މިސީޒަނުގެ ޗެންޕިއަންސް ފައިނަލް މެޗު ކާމިޔާބުކުރާނީ ޑޯޓުމަންޑުން ކަމަށް ބާސެލޯނާއާއި ބްރެޒިލްގެ ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.
ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯ އަށް ދިން އިޓަވިއުއެއްގައި، 1999 ވަނަ އަހަރުގެ ބެލެންޑިއޯ އެވޯޑު ހޯދުމުގެ އިތުރުން 2002 އަހަރު ކޮރެއާ އާއި ޖަޕާނުގައި ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބުރެޒިއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ފޯވާޑް ބުނީ ޗެންޕިއަންސް ލީގު ފައިނަލުގައި ފޭވަރައިޓުންނަކީ ރެއާލް މެޑްރިޑް ކަމަށެވެ.
ނަމަވެސް ޑޯޓްމަންޑްގެ ފަރާތުން ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ފެނުނު ކުޅުމަށް ބަލާއިރު، އެޓީމަށް ރެއާލް ބަލި ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ލީގުގައި އެމީހުންގެ ޕާފޯމަންސް ދައްކޮށް ދިޔަ ނަމަވެސް ޔޫރަޕްގައި އެމީހުން ދައްކަމުން އަންނަނީ މުޅިން ތަފާތު ކުޅުމެއްކަމަށެވެ.
މާކުރިން ވެސް އަހަރެން ލަފާކުރިން މިފަހަރު ފައިނަލުގައި ކުޅޭނީ މިދެޓީމުކަމަށް އަދި އަހަރެން ދެކޭ ގޮތުގައި ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށް ޑޯޓްމަންޑް ތަށި ކާމިޔާބުކުރާނެ.. ރިވާލްޑޯ ބުންޏެވެ.
ޖަރުމަނު ލީގުގައި ކޮންމެ ޓީމަކުން 32 މެޗު ކުޅެފައިވާއިރު، ޑޯޓްމަންޑް މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި ބާކީ އޮތް ދެމެޗުން މޮޅުވިއަސް އެޓީމަށް ގަދަ ހަތަރެއްގައި ސީޒަން ނިންމާލުމުގެ އަމިއްލަ ބާރެއް ނެތެވެ. ނަމަވެސް ސްޕެނިޝް ލީގުގައި ބާކީ ހަތަރު މެޗު އިއްވައި ރެއާލް މެޑްރިޑުން ވަނީ ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފައެވެ.
ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރާ މިސީޒަންގެ ޗެންޕިއަންސް ލީގު ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ގައި، އިގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.