logoEN
cocacola
ފިކުރީ ހަނގުރާމާގައި ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުން - ހުތުބާ

ފިކުރީ ހަނގުރާމާގައި ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުން - ހުތުބާ

އަލްފާ އަލީ

logo

5/10/2024, 9:50:38 AM

# ހުތުބާ

--

ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ވައްދަމުން އަންނަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ, "ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް" މި މައުޟޫގެ މައްޗަށެވެ.

ހުތުބާގައި ބުނެފައި ވަނީ, ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި ﷲ تَعَالَى ލައްވާފައިވާ ކަމެއް ކަމަށެވެ. އަދި އިންސާނީ ނަސްލުގެ ދިގު ތާރީޚުގެ ހޯދުންތަކަށް ނަޒަރު ހިންގާލާއިރު، ބޮޑެތި ޙަޟާރާތްތަކުން ފެށިގެން ގޮސް ފަރުބަދަތަކުގެ ހޮހަޅަތަކާއި ޖަންގަލިތަކުގައި ދިރިއުޅުނު، އިންސާނީ ޙަޟާރާތްތަކާ ވަކިވެފައިވާ ޤަބީލާތަކަށް ބެލިކަމުގައި ވީނަމަވެސް، އިންސާނުން ފެނިފައިވަނީ ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަލަކަށް އީމާންވާ ބައެއްގެ ގޮތުގައި ކަމަށެވެ.

މާތް ﷲ ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ގިނަވެފައިވާ ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

"އެފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްމެ އެނގޭނެއެވެ. އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތަކެވެ. ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާޤަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލެއް ނުކުރެއެވެ" - ހުތުބާ

ވުޖޫދުގައި ވާ ކޮންމެ އެއްޗެއްމެ ވުޖޫދު ކުރި ފަރާތެއް ވާނެކަމީ ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކު ޤަބޫލުކުރާނެ ހަޤީޤަތެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ލިޔެވިފައިވާ އެއްޗެއް ވާނަމަ އެ ލިޔުނު ފަރާތެއް ވާކަމަށް އަހަރެމެން ޤަބޫލުކުރާއިރު, ބިނާއެއް ވާނަމަ އެ ބިނާއެއް ބިނާ ކުރި ފަރާތެއް ވާނެކަމަކަށް އެއްވެސް މީހަކު އިންކާރެއް ނުކުރާނެ ކަމަށް ބުނެފައިވެއެވެ.

" އެހެންކަމަށް ވާނަމަ މިއޮތް ބޮޑު ކައުނާއި، މި ކައުނުގައިވާ، ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރޭތަކެއްޗާއި، މިނޫންވެސް ތަކެތި އެންމެ ފުރިހަމަ ގޮތުގައި ހައްދަވައި، ފުރިހަމަ ނިޒާމެއްގެ ތެރޭގައި ތަދުބީރު ކުރެއްވި ފަރާތެއް ނުވާކަމަށާއި، މިހުރިހާ ކަމަކީ އިއްތިފާޤަކުން ވާ ކަމެއް ކަމަށް، ޤަބޫލު ކުރުމަކީ ކިހާ ބޮޑު މޮޔަކަމެއްހެއްޔެވެ؟" - ހުތުބާ

ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ވައްދަމުން އަންނަ ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ވޮޑިގެންވާ ކަމަށް ތިޔަ ދަޢުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެތޯ އެބައިމީހުން ސުވާލުކުރާކަމަށާއި, އަދި ނުފެންނަ ނުވަތަ ޙިއްސުތަކުން އިޙުސާސްނުވާ ތަކެތި ޤަބޫލު ކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރާ ކަމަށް ބުނެފައިވެއެވެ.

ޙަޤީޤަތުގައި މިއީ ތާކުންތާކުޖެހޭ ވާހަކައެއް ނޫނެވެ. އެހެނީ ފެނުމަކީ ނުވަތަ ޙިއްސުތަކުން ސީދާގޮތެއްގައި އިޙުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ޤަބޫލުކުރުމަށް ވާ ޝަރުޠެއް ނޫނެވެ. ބުއްދިއަކީ ހުންނަ އެއްޗެއް ކަމަށް އެންމެން ވެސް ޤަބޫލު ކުރެއެވެ. ނަމަވެސް ބުއްދި އަކީ ފެންނަ ނުވަތަ އިޙްސާސް ވާ އެއްޗެއް ނޫނެވެ. އަދި ސިކުނޑިއެއް ވާ ކޮންމެ އެއްޗަކީ ބުއްދި ކުރެވޭ އެއްޗެއްވެސް ނޫނެވެ. ހަމައެހެންމެ، ބިމަށް ދަމާ ބާރުގެ ސަބަބުން މޭވާތައް ގަހުން ވަކިވެގެން ބިންމައްޗަށް ވެއްޓެއެވެ. ނަމަވެސް އެ ދަމާ ބާރެއް އެއްވެސް މީހަކަށް ނުފެނެއެވެ. ނުވަތަ އިޙްސާސެއް ވެސް ނުވެއެވެ. ދެ ދަގަތްފާނެއްގެ އިދިކޮޅު ދެފަރާތް ކައިރި ކޮށްލުމުން އެދޭތި ގާތްވެ ތަތްވެއެވެ. އަދި އޭގެ އެއްވައްތަރު ދެކޮޅު ކައިރިކޮށްލުމުން އެދޭތި ދުރުވެ ފޭވެއެވެ. ނަމަވެސް އެ ދަގަތްފާނުގެ ބާރެއްވެސް އަހަރެމެންނަކަށް ނުފެނެއެވެ. އިޙުސާސެއް ވެސް ނުވެއެވެ.

އެހެންކަމުން ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ