ފަހުވަގުތު ހޯސެލޫ ކާމިޔާބުކުރި 2 ލަނޑާއެކު ރެއާލް މެޑްރިޑް ފައިނަލަށް
ހަސަން ޝަމްއޫން
5/8/2024, 11:01:35 PM
ހޯސެލޫ ބަޔާން މިއުނިކު ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ޔުއެފާ ޗެންޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ބަލިކޮށް ރެއާލް މެޑްރިޑު ދެއަހަރަށް ފަހު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިދެޓީމު މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ބަޔާންގެ ދަނޑުގައި ކުޅެވުނު ފުރަތަމަ ލެގުގެ މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ރެއާލް މެޑްރިޑުން ފައިނަލުގެ ޖާގަ ހޯދީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓުކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ބަޔާން މިއުނިކުންނެވެ. މިލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އަލްފަންސޯ ޑޭވިސް އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރެއާލް މެޑްރިޑުން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ތަޖުރިބާކާރު ފޯވާޑް ހޯސެލޫ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާރ ބަޔާންގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލައެއް ދިފާއުކުރަން އުޅުމުގެ ތެރޭފައި ބަޔާން މިއުނިކުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެމިނެޓު ފަހުން ހޯސެލޫ ވަނީ އިތުރު ލަނޑެއް ކާމިޔާބު މިމެޗުގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑަށް ލީޑު ހޯދައިދީފައެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އިވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާރ އެވެ.