
.
ޗައިނާގެ ހުޅަނގު ދެކުނު ޕްރޮވިންސެއް ކަމަށްވާ ޔުނާންގެ ހޮސްޕިޓަލެއްގައި ވަޅިން ހަމަލާދީ ދެމީހަކު މަރާލައި, އިތުރު 21 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކައުންޓީގެ ޕަބްލިކް ސެކިއުރިޓީ ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާ ދީފައިވަނީ މެންދުރުގެ ވަގުތެއްގައި ޒެންޒިއޮންގްގެ ޗެންގްނާން ހޮސްޕިޓަލުގައި ކަމަށެވެ.
ފުލުހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައިމި ހަމަލާ ދޭން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށެވެ.
ޗައިނާގައި އަމިއްލަ ހަތިޔާރު ގެންގުޅުމަކީ ގާނޫނާ ޚިލާފު ކަމަކަށްވާއިރު, ފާއިތުވި އަހަރުތަކުގައި އާންމުތަންތަނުގައި ވަޅިން ހަމަލާދީ މީހުން މަރާލުން ފަދަ ހާދިސާތައް ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރު ޗައިނާގެ ދެކުނުގެ ގުއާންޑޮންގްގެ ކިންޑަގާޓަންގެ ބޭރުގައި ވަޅިން ދިން ހަމަލާއެއްގައި ހަ މީހަކު މަރާލައި އެކަކު ޒަޚަމްކޮށްލާފައިވެއެވެ. 2020 ވަނަ އަހަރު ދެކުނު ގުއާންގްޝީ ސަރަޙައްދުގައި އެލިމެންޓަރީ ސްކޫލަކަށް ވަދެ އެތަނުގައި ތިބި ބަޔަކަށް ވަޅިން ދިން ޙަމަލާއެއްގައި 37 ކުއްޖަކާއި ދެ މީހަކު ޒަޚަމްވެފައިވާއިރު، 2022 ވަނަ އަހަރު ކިންޑަގާޓަންއަކަށް ވަޅިން ހަމަލާދީ 3 މީހުން މަރުވެ، 6 މީހަކު ޒަޚަމްވެފައިވެއެވެ.