logoEN
Sto top
ފުލުހުންނަށް ޗައިނާ ބަސް ދަސްކޮށްދީފި

ފުލުހުންނަށް ޗައިނާ ބަސް ދަސްކޮށްދީފި

އަހުމަދު ޝުރާއު

logo

2/26/2025, 2:36:48 PM

# ޗައިނާ

--

ޗައިނާގެ ފަތުރުވެރިންނާއި ރާއްޖޭގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނާ މުއާމަލާތުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގުނު ޗައިނީޒް ލެންގުއޭޖް ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

Wamco

މި ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އާއި ވިލާ ކޮލެޖާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން ފުލުހުންނަށް މެންޑަރިން ބަހުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގި ކޯހެކެވެ.

އިސްކަންދަރު ބިލްޑިންގައި ގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންނާއި، ކޯހުގައި ބައިވެރިވި ފަރާތްތަކާއި، އެހެނިހެން ޝަރަފުވެރިން ބައިވެރިވެލެއްވިއެވެ. ރަސްމިއްޔާތުގައި މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޕޮލިސް ކޮލެޖްގެ މާލޭ ކެމްޕަހުގެ ހެޑް ރަނާ ވަޙީދެވެ. އޭގެ ފަހުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރާއި ޗައިނީޒް ލެންގުއޭޖް ލަރނިންގ ސެންޓަރުގެ ޕްރޮފެސަރ މާ ޔުއެހަން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ ޗާޖް ޑެފެއާޒް އެޑް އިންޓަރިމް މިސް ހީ ފެން ވެސް ވާހަކަފުޅު ދައްކަވައި، ޤާނޫނު ތަންފީޒުކުރުމުގައި ސަގާފީ ގޮތުން އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ދެ މަސްދުވަހުގެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރި ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑރ. އަޙްމަދު އަންވަރެވެ. އަދި ޗައިނާގެ އެމްބަސީއާއި، ވިލާ ކޮލެޖާއި، ޗައިނީޒް ލެންގުއޭޖް ސެންޓަރަށް ޝުކުރުގެ ރަމްޒެއްގެ ގޮތުގައި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޓީޗިންގ އެންޑް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޢަރީފެވެ.

މި ކޯހުގައި އެކި ރޭންކުތަކުގެ 25 ފުލުހުން ބައިވެރިވެ، 23 ފުލުހުން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ. މިއީ ބަހުގެ ހުރަސްތައް ނައްތާލުމަށާއި، ގުޅުން ބަދަހިކުރުމަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންނަށް ދެވޭ ހިދުމަތް ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside