ގުޅިފަޅަށް ގޯތި ބަދަލުކުރަން އިތުރު ފުރުސަތެއްދީފި
އަހުމަދު ޝުރާއު
5/4/2024, 6:54:36 PM
ގުޅީފަޅު
ކުރީގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގައި ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުނަށް މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި ބަދަލުކުރަން ފުރުސަތު ދެވޭ ގޯތީގެ އަދަދު އިތުރުކޮށް، އިތުރު ފުރުސަތެއް ދީފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދު އަދަދެއް ކަމަށެވެ.
ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު:
* 1250 އަކަފޫޓުގެ 193 ގޯތި* 1650 އަކަފޫޓުގެ 663 ގޯތި* 2050 އަކަފޫޓުގެ 487 ގޯތި* 2450 އަކަފޫޓުގެ 4 ގޯތި
މި ފުރުސަތު މިފަހަރު ހުޅުވާލީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
މާލެ ސަރަހައްދަށް ބޭނުން ޖެހިފައިވާ ގޯތީގެ މައްސަލައަށް ޖުމުލަ ހައްލެއް ގެނެސްދިނުމަށް، ކުރީގެ ސަރުކާރުން ގުޅީފަޅުން ހިއްކަން ނިންމި ވަރަށް ވުރެ އިތުރަށް ހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވެ އެވެ. ގިރާވަރުފަޅުން ގޯތި ދޭން ނިންމި މީހުނަށް ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ފުރުސަތު ހުޅުވާލީ އިތުރުކުރަން ނިންމި ބިމުގެ ސަރަހައްދުން ގޯތި ދެވޭނެތީ އެވެ.