
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް ދޫކުރަން ފަށައިފި
# ގުޅީފަޅު-
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ޚިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުޞަތު މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯއްދެވުމަށްޓަކައި ހިޔާވެހި ޕޯޓަލްއަށް އީފާސް (eFaas) މެދުވެރިކޮށް ލޮގިން ކުރެއްވުމަށްފަހު، ޕޯޓަލްގެ 'ގޯތި ހަވާލުކުރުން' ބައިން ގޯތީގެ ތަފްސީލު ބައްލަވައި ލިޔުން ޑައުންލޯޑް ކުރެއްވޭނެ ކަމަށެވެ. އަދި މި ލިޔުމުގައި ހިމެނޭ ކިއު.އާރް (QR) ކޯޑު ސްކޭންކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ސީދާ ލޮކޭޝަން މެޕުން ބަލައިލެވޭނެއެވެ.
މި ޚިދުމަތާ ގުޅޭގޮތުން މިނިސްޓްރީން ވަނީ ބައެއް މުހިންމު ކަންކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އެގޮތުން މި ލިޔުން ޑައުންލޯޑް ކުރެއްވޭނީ، ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވަނީ ބުނެފައި އެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ފާހަގަކޮށްލަންޖެހޭ މުހިންމު ބަދަލަކީ، މީގެ ކުރިން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރަނީ ސީދާ ގުޅިފަޅަށް ގޮސްގެން ކަމަށްވީ ނަމަވެސް، މިހާރު އެ ސަރަހައްދަށް ވަޑައިނުގެން ޕޯޓަލް މެދުވެރިކޮށް މި ލިޔުން ހޯއްދެވޭނެ ކަމެވެ. މި ޒަމާނީ ބަދަލާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގޯތި އޮތް ސަރަހައްދާއި، ގޯތީގެ މިހާރުގެ ހާލަތު (ސްޓޭޓަސް) ވަރަށް ފަސޭހަކަމާއެކު އޮންލައިންކޮށް ބަލައިލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ގުޅުންހުރި

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް ދޫކުރަން ފަށައިފި

ގުޅީފަޅުން 160 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

ގުޅީފަޅުގެ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރުން މިއަދު ފަށައިފި




