މިނިސްޓަރ ޒަމީރު އަބޫދާބީ ފަންޑްގެ ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރައްވައިފި
އަހުމަދު ޝުރާއު
5/2/2024, 5:45:59 PM
މިނިސްޓަރ ޒަމީރު އަބޫދާބީ ފަންޑްގެ ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރެއްވުން
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޔޫ.އޭ.އީ ސަރުކާރުން ރާއްޖެއަށް ދެއްވާ ގާތްކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރ ޒަމީރު ވަނީ ރާއްޖޭގެ މަޝްރޫޢުތައް ހިންގުމަށް އޭޑީއެފްޑީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ފަންޑަށް ހުށަހެޅޭ ޕްރޮޕޯސަލްތަކާއެކު ކުރިއަށް ދެވޭނެ ގޮތްތައް ބައްލަވާލައްވާފައެވެ.
ވަކިން ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތް ފުޅާކުރުމަށް ވެދެއްވި އެއްބާރުލުމަށް މިނިސްޓަރު ޒަމީރު ޝުކުރު އަދާކުރައްވައި ވިދާޅުވީ، މިކަމުގެ ސަބަބުން ކަނެކްޓިވިޓީ ފުޅާވެ، ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެ، ރާއްޖޭގެ އިގްތިސާދުގެ ރެޒިލިއަންސް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއަރޕޯޓް ބޮޑުކުރުމުގެ ސަބަބުން އިންވެސްޓްމަންޓް ކޯޕަރޭޝަނަށް އިތުރު މަގުތައް ފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރާއި އަބޫދާބީގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ހަސަން ވަހީދާއި އަބޫދާބީގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލަރ މޫމިނާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.