ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލު ކުރަން ލާޒިމްވާ އިސްލާހް ފާސްކޮށްފި
އަލްފާ އަލީ
4/29/2024, 12:46:39 PM
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދު -- ފޮޓޯ/ މިހާރު
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ވޯޓުންނެވެ.
މީކާއިލް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދިނުން ލަސްވާތީ, ގޯތި ލިބުނު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ އެ ފަރާތްތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދައިދިނުމަށެވެ.
އިސްލާހުގައި ބުނެފައިވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ގޯތި ހަވާލުކުރަންވާނެ ކަމަށެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކުރަންވާނެ ކަމަށެވެ.