logoEN
cocacola
އިސްލާމްދީން ބާރުއަޅަނީ ޙަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުޤު ހޯދުމަށް - ހުތުބާ

އިސްލާމްދީން ބާރުއަޅަނީ ޙަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުޤު ހޯދުމަށް - ހުތުބާ

އަލްފާ އަލީ

logo

4/26/2024, 8:24:29 AM

# ހުތުބާ

--

އިސްލާމްދީން ބާރު އަޅަނީ ހަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުގު ހޯދުމަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ, "ފަރުޟު ޒަކާތާއި އިޤްތިޞާދާހުރި ގުޅުން" މި މައުޟޫއަށެވެ.

ހުތުބާގައި ބުނެފައިވަނީ, ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމަށެވެ. އެހެންކަމުން، ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނެ ޙާލަތެއް ނޫން ކަމަށް ބުނެފައިވެއެވެ. ކަން މިހެން އޮތް ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހޭ ހާލަތު އައި ނަމަވެސް ކޮންމެ ކޮންމެ މީހަކު މިފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މިއީ އިސްލާމްދީނުގައި ޝަރުއުކުރައްވާފައިވާ ޒަކާތުގެ ދައުރު ޖެހޭ ހިސާބު ކަމަށް ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

"އިސްލާމްދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައިވެއެވެ. އެއީ، ވަޟްޢީ ނަޒަރިއްޔާތަކާ މުޅިން ޚިލާފު ނަޒަރިއްޔާއެއް. މި ނަޒަރިއްޔާގައި، މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ الله سُبْحَانَهُ وَتَعَالَى އެވެ. އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެން ހުރި މީހާ. އެހެންކަމުން މުދާ ހޭދަކުރަންވާނީ އެ މުދާ ދެއްވި ފަރާތް ކަމުގައިވާ ﷲ سُبْحَانَهُ وَتَعَالَى އެދިވޮޑިގަންނަވާ ގޮތަށް." ހުތުބާ

ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠުތައް ހަމަވާނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެޝަރުޠުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ.

ހުތުބާގައި ބުނެފައިވަނީ., އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައެއް ނޫން ކަމަށެވެ. އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެއެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ވަކި ބައެއްގެ އަތުގައި މުދާލާއި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެއެވެ. މިކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެންނެވެ. ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެކެވެ. ތަނަވަސްކަމުގެ އަހުލުވެރިންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގަންޖެހޭ އެއްޗެކެވެ. ފަޤީރުންނާއި މިސްކީނުންނާއި، ދަރަނިވެރިންނާއި، އަލަށް އިސްލާމްވާ މީހުންނާއި، ދަތުރުމަތީގައި ޙާލުގައިޖެހޭ މީހުންނާއި، އަދި މިނޫނަސް ޒަކާތުގެ ޙައްޤުވެރިންގެ ގޮތުގައި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކުގެ ލާބަޔަށްޓަކައި، ހޭދަކުރަންޖެހޭ އެއްޗެކެވެ.

ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިޤްތިޞާދަށް އަންނަ ލޮޅުންތަކުން އިޤްތިޞާދު ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދޭނެ ކަމަށް ހުތުބާގައޮ ފާހަގަކޮށްފައިވެއެވެ. ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެއެވެ. މިގޮތުން، އިޤްތިޞާދީ ހީނަރުކަމުގެ ދުވަސްވަރުވެސް މުދާ ގަންނަ ފަރާތްތަކުން އުފެއްދުންތައް ގަތުމަށް ބޭނުންވާ މިންވަރު އިތުރުވެ، އަޑިގުޑަންތަކުން އިޤްތިޞާދު ސަލާމަތްވުމަށް މަގުފަހިވެގެންދާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"ޒަކާތުގެ ޝަރްޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެން. މުސްލިމް އިންސާނަކު، އޭނާ މާދަމާ ކާނީ ކޮން އެއްޗެއްތޯއާއި، ނުވަތަ އޮނުއޮރިޔާން ނިވައިކުރާނީ ކިހިނެއްތޯއާއި، ބޭސްފަރުވާކުރާނީ ކިހިނެއް ކަމާމެދު ވިސްނައި ފިކުރުކޮށް ގޮތްހުސްވެ، އޭނާގެ ހިތަށް ކުރާ އަސަރާއި، އަޅާވޭނުން އޭނާ ސަލާމަތްކޮށްދިނުމަކީ ކޮންފަދަ މަތިވެރިކަމެއް ހެއްޔެވެ! މި އުންމަތަކީ އެއް އުންމަތެއް. އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެއް. އިސްލާމީ ރިވެތި އުސޫލަކީ ތިމާއަށް މިއަދު ތަނަވަސްކަމެއް ލިބިފައިވާނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަޚާއަށް އެހީތެރިވުން. ފަހެ، ތިޔަބައިމީހުން މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެ ދެއްވި މުދަލުން ހޭދަކުރާށެވެ! " - ހުތުބާ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ