logoEN
cocacola

އެލް ކްލެސިކޯ

ސްޕެނިޝް ލަލީގާފައި މިރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރާ "އެލް ކްލަސިކޯ" މެޗަކީ މިދެޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ.

ގޮސިޔާ

ދުނިޔޭގެ ކުލަބު ފުޓްބޯޅައިގައި އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ މިމެޗަކީ މިދެޓީމުގެ މެދުގައި ކުޅެވޭ ވާދަވެރި، 257 ވަނަ މެޗެވެ. މީގެ ކުރިން ކުޅުނު 256 މެޗުގެ ތެރެއިން 104 މެޗުން ރެއާލް މެޑްރިޑް މޮޅުވެފައިވާއިރު، ބާސެލޯނާ ވަނީ 100 މެޗުން މޮޅުވެފައެވެ. އަދި އަނެއް 52 މެޗު ނިމިފައިވަނީ ދެޓީމު އެއްވަރުވެގެންނެވެ.

މިސީޒަނުގައި މިދެޓީމު މިހާތަނަށް ދެފަހަރެއްގެ މަތިން ވާދަކޮށްފައިވައިރު، އެދެމެޗު ވެސް ކާމިޔާބުކޮށްފައި ވަނީ ރެއާލް މެޑްރިޑެވެ. އެގޮތުން ލީގުގައި ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑު ކާމިޔާބުކުރިއިރު، މިއަހަރުގެ ޖެނުއަރީ މަހު ސައުދީ ގައި ކުޅެވުނު ސްޕެނިޝް ކަޕް ފައިނަލުގައި މިދެޓީމު ވާދަކުރި މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް މިސީޒަން ފެށުމުގެ ކުރިން އެމެރިކާގައި މިދެޓީމުގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ މެޗެއްގައި ބާސެލޯނާއިން ވަނީ 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށްފައެވެ.

މީގެ އިތުރުން މިދެޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ފްރާންސްގެ ޗެންޕިއަން ޕީއެސްޖީ އާއި ވާދަކޮށް 4-6 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެ ބާސެލޯނާ މުބާރާތުން ކަޓާފައިވާއިރު، ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅުނު ދެ މެޗުވެސް އެއްވަރުވެ ނަތީޖާ ނެރުމައްޓަކައި ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑުން ވަނީ ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގައެއް ހޯދާފައެވެ.

މީގެ އިތުރުން ލީގުގައި މިދެޓީމުގެ ފޯމަށް ބަލާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ދެޓީމަށް ވެސް ވަނީ 13 ޕޮއިންޓް ލިބިފައެވެ. އަދި މި ފަސް މެޗުގައި ރެއާލް މެޑްރިޑުން 13 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އެޓީމު ކޮޅަށް ވަނީ 4 ލަނޑު ވަދެފައެވެ. ނަމަވެސް ބާސެލޯނާ އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގައި ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު، އެޓީމަށް ކާމިޔާބުކުރެވިފައި ވަނީ 6 ލަނޑެވެ.

ލީގުގުގައި ކޮންމެ ޓީމަކުން ވެސް 31 މެޗު ކުޅެފައިވައިރު 78 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ރެއާލް މެޑްރިޑެވެ. އަދި 31 މެޗުން ބާސެލޯނާއަށް 70 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވެއްޖެނަމަ ރެއާލް މެޑްރިޑަށް އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. ނަމަވެސް މިމެޗުން އެޓީމު މޮޅުވެއްޖެނަމަ ދެޓީމުގެ ފަރަގު ފަސް ޕޮއިންޓަށް ކުޑަވެ ލީގު ފޯރި ގަދަވެގެން ދާނެއެވެ.

ރެއާލް މެޑްރިޑުގެ ސެބްޓިއާގޯ ބެރްނަބާއޯގައި ކުޅޭ މިމެޗު ފެށުމަށް ގަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިރޭ 00:00 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ