އަހަރަކަށްފަހު ޔުނައިޓެޑުން ޔޫރަޕުގައި ފުރަތަމަ މޮޅު ހޯދައިފި
ހަސަން ޝަމްއޫން
11/7/2024, 11:40:50 PM
ޕައޯކް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޔުރޮޕާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ގްރީސްގ ޕައޯކް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ޔުރޮޕާ ލީގު މީސިޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މީގެ އިތުރުން މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔުއެފާ ޗެންޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ޑެންމާކްގެ ކޮޕަންހޭގަން އަތުން މޮޅުވި ފަހުން ޔުއެފާ ކުލަބު މެޗެއްގައި މެންޗެސްޓާ ޔުނައިޓެޑް މޮޅުވި ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން މިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނިކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާގުގައި ޔުނައިޓެޑުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަ ކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައިވަރީކޯސްޓްގެ ޒުވާން ފޯވާޑް އަމަޑް ޑިއާލޯ އެވެ. މިއީ އެޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޔުނައިޓެޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޑިއާލޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑްގެ އަމަޑް ޑިއާލޯ އެވެ.
މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން މެންޗެސްޓާ ޔުބައިޓެޑަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕައޯކް ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 33 ވަނައިގައެވެ.
ޔުއެފާ ޔުރޮޕާ ލީގުގައި މިއަހަރު ޖުމްލަ 36 ޓީމަކުން ވާދަކުރަމުން އަންނައިރު، މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ފުރަތަމަ ރައުންޑުގައި ލީގު އުސޫލުން ކޮންމެ ޓީމަކުން ވެސް ތަފާތު އަށް ޓީމާއެކު ރަށުން ބޭރުގައި ހަތަރު މެޗު، އަދި އަމިއްލަ ދަނޑުގައި ހަތަރު މެޗު ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ އަށް ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ލިބޭ ގޮތަށެވެ. އަދި ލީގުބުރުގެ ގަދަ އަށް ޓީމުގެ އިތުރުން ދެން އެންމެ ނަތީޖާ ރަނގަޅު 16 ޓީމުގެ މެދުގައި ޕްލޭއޮފް މެޗުތަކެއް ކުޅެ ކުރިހޯދާ އަށް ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 ގެ ފަހު އަށް ޖާގަ ލިބިގެންދާނެއެވެ.