logoEN
cocacola
އޭސީ މިލާން ކަޓުވާލުމަށްފަހު ރޯމާ ސެމީ ފައިނަލަށް

އޭސީ މިލާން ކަޓުވާލުމަށްފަހު ރޯމާ ސެމީ ފައިނަލަށް

ހަސަން ޝަމްއޫން

logo

4/19/2024, 12:09:20 PM

# އޭސީ މިލާން# ޔުއެފާ ޔޫރޮޕާ ލީގު # ބޭރު ދުނިޔޭގެ ކުޅިވަރު# ރޯމާ

ރޯމާއި އޭސީ މިލާން ވާދަކުރި މެޗުގެ ތެރެއިން

ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ވާދަވެރި އޭސީ މިލާން ބަލިކޮށް ރޯމާއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

މިދެޓީމު އޭސީ މިލާނުގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު 1-0 ގެ ނަތީޖާއަކުން ރޯމާއިން ކާމިޔާބުކޮށްފައި ވާއިރު، އެޓީމަށް މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ލިބުނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އޭސީ މިލާނުން މެޗު ޑޮމިނޭޓުކުރި ނަމަވެސް މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ރޯމާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ ޑިފެންޑަރު ޖިއަލޫކާ މަންސީނީ އެވެ.

މިއީ އެޓީމުގެ މިޑްފިލްޑަރު ލޮރެންޒޯ ޕެލެގްރިނީ އޭސީ މިލާނުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައިޖެހިފައި ނިކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ 8 މިނެޓް ފަހުން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް އޭސީ މިލާނަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

ފުރަތަަމަ ހާފުގެ 20 ވަނަ މިނެޓުގައި ރޯމާގެ ޕެނަލްޓީ އޭރިއާ ތެެރެއިން އޭސީ މިލާނުގެ އިގިރޭސި މިޑްފީލްޑަރު ރުބެން ލޮފްޓަސް ޗީކްއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ނަމަވެސް އޭގެ ދެމިނެޓު ފަހުން ރޯމާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާގެ ފޯވާޑް ޕަބްލޯ ޑިބާލާ އެވެ.

މިމެޗުގައި ރޯމާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަަމަ ހާފުގެ 31 ވަނަ މިނެޓުގައި އެޓީމުގެ ތުރުކީ ޑިފެންޑަރު ޒެކީ ސެލިކް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އަދި އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރޯމާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އޭސީ މިލާނުން ވަނީ ރޯމާގެ އެއްކުޅުތެރިއަކު މަދުވުމުގެ ފައިދާ ނަގައި އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އޭސީ މިލާނުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މަޓެއޯ ގައްބިއާ އެވެ.

މިއީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ރަފައެލް ލެއާއު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރޯމާ ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މެއި މަހުގެ 3 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ރޯމާއިން ނުކުންނާނީ ޖަރުމަނުގެ ޗެންޕިއަން ބަޔާ ލޭވަކޫސަން އާއި ދެކޮޅަށެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލްގެ ދެވަނަ ލެގު ލެވަކޫސަންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ