ފަސޭހަ ކަމާއެކު ލޫޓަން އަތުން މޮޅުވެ މެންޗެސްޓާ ސިޓީ އެއްވަނައަށް
ހަސަން ޝަމްއޫން
4/13/2024, 6:27:02 PM
ލޫޓަން ކޮޅަށް ލަނޑުޖެހުމަށް ފަހު ސިޓީގެ ޑިފެންޑަރު ގްއާޑިއޯލް އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފަސޭހަ ކަމާއެކު 5-1 ގެ ނަތީޖާއަކުން ލޫޓަން އަތުން މޮޅުވެ މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި މިހަފްތާގެ ބުދަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗު ކުރިއަށް އޮތުމާއެކު މިމެޗަށް މެންޗެސްޓާ ސިޓީއިން ނުކުތީ ގިނަ ބަދަލުތަކަކާއި އެކުގައެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓުކުރި އިރު، މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑަކީ ލޫޓަންގެ ޖަޕާން ޑިފެންޑަރު ޑައިކީ ހަޝިއޯކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި މެންޗެސްޓާ ސިޓީ ފޯވާޑް އެރްލިންގް ހާލަންޑް، މެތިއަސް ނުނޭސް، މިޑްފީލްޑަރު ކެވިން ޑިބްރޭނާ އަދި ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް އަށް ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ މިޑްފިލްޑަރު މަޓެއޯ ކޮވަސިޗް، ފޯވާޑް އެރްލިންގް ހާލަންޑް، ފޯވާޑް ޖެރެމީ ޑޮކޫ އަދި ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.
މިމެޗުގައި ލޫޓަންގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ރޮސް ބާކްލީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 32 މެޗުން މެންޗެސްޓާ ސިޓީއަށް 73 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ލޫޓަން އިން ލީގުގައި ކުޅުނު 33 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 18 ވަނައިގައެވެ.