
ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި، ނަމާދަށް ޝައުޤުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެއް - ހުތުބާ
# ހުތުބާ—
ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި، ނަމާދަށް ޝައުޤުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ދަރީން ނަމާދަށް އަހުލުވެރިކުރުވުން މި މައުޟޫއަށެވެ.
ހުތުބާގައި ބުނެފައިވަނީ، ހެޔޮ ލަފާ މުޖްތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހަދަން ޖެހޭ ކަމަށެވެ.
"ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި، އެދެމީހުންނާ الله سُبْحَانَهُ وَتَعَالَى ޙަވާލު ކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހެއެވެ. އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހެއެވެ. އެގޮތުން، މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުޠަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާކުރުމެވެ. އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ" - ހުތުބާ
އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެކަމެކެވެ. އެންމެ ފުރަތަމަ ނަމާދުގެ ޙަރަކާތްތައް ކުއްޖާ ދަސްކުރާނެއެވެ. އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުޢާތައް ކިޔަން މަސައްކަތް ކުރާނެއެވެ.
"ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ނަމާދު ކުރުން ކަމުގައި ހަދަން ޖެހޭ" - ހުތުބާ
ހުތުބާގައި އިތުރަށް ބުނެފައިވަނީ ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހޭ ކަމަށެވެ. ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ނަމާދު ކުރުން ކަމުގައި ހަދަން ޖެހޭ ކަމަށެވެ.
ނަމާދަކީ ތިމާ ކުރަން ޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން، ކުރަން ޖެހޭ ކަމެއް ކަމުގައި އިޙުސާސްކުރެވޭ ގޮތަށް ދަރިންނަށް މަގު ދެއްކައިގެން ނުވާނެކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ދަރިންނަށް އުގަންނައިދޭ މުދައްރިސުން ވެސް އެކުދިންނަށް ނަމޫނާއަކަށް ވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ނަމާދު ކުރުމުގެ މުހިއްމުކަން ކުދިންނަށް ކިޔައިދޭއިރު މުދައްރިސުންގެ ފަރާތުން އެ ނަމޫނާ ފެނުމަކީ ކުދިންވެސް ނަމާދުތަކަށް ފަރުވާތެރި ވާނެ ސަބަބެެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ގުޅުންހުރި

މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި ފަދަ މަސައްކަތްޕުޅެއް - ހުތުބާ
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ
