އާސެނަލް އާއި ބަޔާން މިއުނިކްގެ ކުރިމަތިލުން އެއްވަރު
ހަސަން ޝަމްއޫން
4/10/2024, 11:04:01 AM
އާސެނަލް އާއި ބަޔާން މިއުނިކް ވާދަކުރި މެޗުގެ ތެރެއިިން
ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާއި ދެކޮޅަށް އާސެނަލް އިން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.
މިދެޓީމު އެންމެ ފަހުން ކުޅުނު ވާދަވެރި ތިން މެޗުން ވެސް ތަފާތުބޮޑު ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެފައިވީ ނަމަވެސް ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރި އާސެނަލް އިންނެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ބަކަޔޯ ސަކާ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ބެން ވައިޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ބަޔާން މިއުނިކް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސާޖް ގްނަބްރީ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ލިއޮން ގޮރެޓްޒްކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބަޔާން މިއުނިކުން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އިގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ އާސެނަލްގެ ޕެނަލްޓީއޭރިއާގެ ތެރެއިިން އެޓީމުގެ ޑިފެންޑަރު ވިލިއަމް ސަލިބާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ބަޔާން މިއުނިކަށް ދިން ޕެނަލްޓީއެކެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އާސެނަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ބެލްޖިއަމްގެ ފޯވާޑް ލިއަންޑުރޯ ޓްރޮސާޑް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު ބަޔާން މިއުނިކްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ.