logoEN
cocacola
ޗެންޕިއަން ސިޓީ އާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުން އެއްވަރު

ޗެންޕިއަން ސިޓީ އާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން

logo

4/10/2024, 6:04:11 AM

# ރެއާލް މެޑްރިޑް# ޔުއެފާ ޗެމްޕިއަންސްލީގު # މެންޗެސްޓާރ ސިޓީ# ބޭރު ދުނިޔޭގެ ކުޅިވަރު

ފެޑްރިކޯ ވަލްވޭޑޭ ރެއާލް މެޑްރިޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދެނީ..

ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ގޮސިޔާ

ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބެރްނެބާއޯގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޗެންޕިއަން މެންޗެސްޓާ ސިޓީ އިންނެވެ. މިލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބެނާޑޯ ސިލްވާ އެވެ.

މިއީ ރެއާލް މެޑްރިޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ 10 މިނެޓުފަހުން ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑަކީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އެޑްއާޑޯ ކަމަވިންގާ ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިފާއުކުރަން އުޅުމުގެތެރޭގައި ސިޓީގެ ކެޕްޓަން ރުބެން ޑިއާޒް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ އެވެ. މިއީ އެޓީމުގެ ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ސިޓީގެ ފޯވާޑް އޭރިއާ ތެރެއަށް ވަދެ ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ތިރިތިރިން ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ރެއާލް މެޑްރިޑްގެ ލީޑު ފުޅާކުރުމަށް އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާއަށް ވަނީ ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި މެންޗެސްޓާ ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން އެވެ.

މިއީ އެޓީމުގެ ޑިފެންޑަރު ޖޯން ސްޓޯންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރޮއޭޝިޔާގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޖެކް ގްރިލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސިޓީއިން ލީޑު ހޯދުމާއި އެކު ރެއާލް މެޑްރިޑުން ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ރޮޑްރީގޯ އާއި ޓޯނީ ކްރޫސް ގެ ބަދަލުގައި ބްރަހީމް ޑިއާޒް އަދި ތަޖުރިބާކާރު މިޑްފިލްޑަރު ލޫކާ މޮޑްރިޗް ކުޅެން ނުކުތުމާއެކު ރެއާލްގެ އެޓޭކުތައް ވަރުގަދަވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުރުގުއާއީގެ މިޑްފީލްޑަރު ފެޑްރިކޯ ވަލްވޭޑޭ އެވެ. މިއީ ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ