ވާދަވެރި ކުޅުމަކަށްފަހު އަލް ވެހްދާ ބަލިކޮށް އަލް އިއްތިހާދު ފައިނަލަށް
ހަސަން ޝަމްއޫން
4/9/2024, 2:53:36 AM
ކަރީމް ބެންޒީމާ
ސައުދީ ސުޕަކަޕްގެ ސެމީ ފައިނަލް ފުރަތަަމަ މެޗުގައި ހޯމަދުވަހުގެ ރޭ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އަލް ވެހްދާ ބަލިކޮށް އަލް އިއްތިހާދު މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް އިއްތިހާދުން ނެވެ. މިލަނޑު މެޗު ފެށިގެން ފުރަތަަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. އަދި މިއީ މިއަހަރުގެ މިހާތަނަށް އޭނާ ކާމިޔާބުކުރި ފުރަތަަމަ ލަނޑެވެ.
އަލް އިއްތިހާދުން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް އަބްދުއްރައްޒާކް ހަމްދުﷲ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮމާރީނިހޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލް އިއްތިހާދުގެ ޕޯޗުގަލް ފޯވާޑް ޖޯޓާ އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް ވެހްދާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން ވަނީ އަލް އިއްތިހާދުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
އެގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ވިޓޫ ފޮނުވާލި ބާރު ހަމަލާ ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު މެޗުގެ 90 ވަނަ މިނެޓުގައި އަލް އިއްތިހާދުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ އަލް ވެހްދާ އަށް ޕެނަލްޓީއެއް ވެސް ދީފައެވެ. ނަމަވެސް އެޓީމުގެ މޮރޮކޯ މިޑްފީލްޑަރު ފައިކަލް ފާރ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލް ވެހްދާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން މިޑްފީލްޑަރު ހުސެއިން އަލް އީސާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.