
--
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ މާދަމާ ރޭ ބޭއްވުމުގެ މަސައްކަތް އެޕާޓީން ފަށައިފި އެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރައްވަމުން އަންނަ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލް މިއަދު ވިދާޅުވީ، ޕީއެންއެފް އުފެއްދުމަށް މާދަމާރޭ ބާއްވާ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިހާރު ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ރައީސް ޔާމީން ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކަރެކްޝަންސްގައި ހުއްދައަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް ހުކުމް ތަންފީޒުކުރުމަށް ލިބިވަޑައިގެންނެވި ލުއިތަކާއެކު މިވަގުތު ގޭބަންދުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފް އުފައްދާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކަރެކްޝަންސް އިން ހުއްދަ ދެއްވާފައެއް ނުވެއެވެ.
ރައީސް ޔާމީންގެ ބަންދަށް ލުއިތަކެއް ދީފައިވަނީ ޝަރުތުކޮށްފައެވެ. އޭގެތެރޭގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުން އޮތީ މަނާކޮށްފައެވެ.