ޕެނަލްޓީގައި މަޔޯކާ ބަލިކޮށް ކޮޕާ ޑެލްރޭ ޗެންޕިއަންކަން އެތްލެޓިކް ބިލްބާއޯ އިން ހޯދައިފި
ހަސަން ޝަމްއޫން
4/7/2024, 1:58:56 PM
ބިލްބާއޯގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު
ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ އެތްލެޓިކް ބިލްބާއޯ އާއި މަޔޯކާ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން އެތްލެޓިކް ބިލްބާއޯ އިން ހޯދައިފި އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މަޔޯކާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ޑެނިއަލް ރޮޑްރީިގޭޒް އެވެ. އަދި ބިލްބާއޯ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު އޮއިހާން ސަންސެޓް އެވެ.
މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި އިތުރު ވަގުތުގެ ގޮތުގައި ކުޅެވުނު 15 މިނެޓްގެ ދެ ދެހާފުގައި ވެސް ނަތީޖާއަށް އިތުރު ބަދަލެއް އައިސްފައި ނުވާތީ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ބިލްބާއޯ އިން ޖެހި ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، މަޔޯކާގެ ހަތަރު ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ.
މިއީ މިމުބާރަތުގެ ޗެމްޕިއަންކަން ބިލްބާއޯ އިން ހޯދި 24 ވަނަ ފަހަރެވެ. އަދި އެޓީމު އެންމެ ފަހުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 1984 ވަނަ އަހަރު އެވެ.