
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް --
ކުށަށް އަރައިގަންނަ ކުދިންނަށް ދޭންވީ ފަރުވާއަކީ ރެހިބިލިޓޭޝަން ފަރުވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހުސެއިން ޝަމީމް ވިދާޅުވީ، ޤާނޫނީ ނިޒާމު ކަނޑައެޅިފައި އޮތް ގޮތުން، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރަކީ 15 އަހަރުކަމަށާއި، ނަމަވެސް، އޭގެ މާނައަކީ އެޢުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫން ކަމަށެވެ.
ޝަމީމް ވިދާޅުވިގޮތުގައި، އެފަދަ ކުދިންނަށް އަދަބު ދިނުމާއި. ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ހަގުކުރުމަކީ މިކަމަށް އޮތް ހައްލެއް ނޫނެވެ.
"ޢުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ހަމަ ކޮންމެ ކުއްޖަކު ޖަލަށް ލައިފިނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެކެވެ. އެކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެއެވެ. އޭގެ ނަތީޖާއަކީ، ކުށުގެ ތެރޭގައި އެކުދިންގެ ޢުމުރު ދުއްވާލަން ފަސްނުޖެހުމެވެ." - ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، އެފަދަ ކުދިންނަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ރިބިލިޓޭޝަން ފަރުވާދީ ރަނގަޅު މަގުދައްކައި ދިނުން ކަމަށެވެ. މިކަންކުރެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި ތިބިކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ކުށްކުރާ ޢުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެނަމަ، މިކަން ކާމިޔާބު އިންވެސްޓްމަންޓަކަށް ވެގެން ދާނެ ކަމަށެވެ.
އއ. ރަސްދޫގައި ކުއްޖަކަށް އަނިޔާކުރި މައްސަލަ ކަމާބެހޭ ފަރާތްތަކުން މިހާރު ބަލަމުން އަންނަ އިރު، އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވިސްނަމުން އަންނަނީ ކުށަށް ޒިންމާނަގަންޖެހޭ އުމުރު ހަގުކޮށް ރިހިބިލޭޓް ފަރުވާ ދިނުމަށް ހާއްސަ ރަށެއް ތަރައްގީކުރުމަށެވެ.