ޑިބްރޭނާ ގެ ދެ ލަނޑާއެކު ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ ސިޓީ ދެވަނައަށް
ހަސަން ޝަމްއޫން
4/6/2024, 3:48:22 PM
ޑިބްރޭނާ ގެ ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 4-2 ވެ ނަތީޖާއަކުން މޮޅުވެ ޗެމްޕިއަން ސިޓީ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކްރިސްޓަލް ޕެލަސް އިންނެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޖީން ފިލީޕް މަޓެޓާ އެވެ.
މިއީ އެޓީމުގެ މިޑްފިލްޑަރު އެޑަމް ވާރޓަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ 10 މިނެޓަށްފަހުން މެންޗެސްޓާ ސިޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ކެވިން ޑިބްރޭނާ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވަރުގަދަކޮށް ފެށީ މެންޗެސްޓާ ސިޓީ އިންނެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަަމަ ފަހަރަށް މިމެޗުގައި ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ރިކޯ ލުވިސް އެވެ.
މިމެޗުގައި ސިޓީއިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް އެވެ. މީގެ އިތުރުން ސިޓީގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ކެވިން ޑިބްރޭނާ އެވެ.
ކްރިސްޓަލް ޕެލަސް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އެޑަސަން އެޑްއާޑް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު، 31 މެޗުން މެންޗެސްޓާ ސިޓީއަށް 70 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު 31 މެޗުން 30 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ .