ލަޕޯޓް އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ލަނޑާއެކު އަލް ނަސްރުން ޑަމަކް ބަލިކޮށްފި
ހަސަން ޝަމްއޫން
4/6/2024, 3:31:59 AM
އެމެރިކް ލަޕޯޓް ޑަމަކް އާއި ދެކޮޅަށް ކުޅެނީ
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ ރޭ ރަށުން ބޭރުގައި ޑަމަކް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެއްޖެ އެވެ.
ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު ތިން މެޗުން އެޓީމު މޮޅުވެފައި ވާއިރު، ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ސަޑިއޯ މާނޭ، މާސެލޯ ބްރޮޒޮވިޗް، އޮޓާވިއޯ އިތުރުން އެލެކްސް ޓޭލްސް މިމެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައި ނުވެއެވެ.
މީގެ އިތުރުން މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު އަލް ނަސްރުން ފެށީ ބަދަލުތަކަކާއި އެކުގައެވެ. އެގޮތުން ދެވަނަ ހާފުގައިި ރޮނާލްޑޯގެ އިތުރުން މާނޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން ދެވަނަ ހާފުގައިި ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ ފޯވާޑް ގަރީބް މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މީގެ އިތުރުން ރޮނާލްޑޯއަށް ލިބުނު ހުސް ފުރުސަތުގައި ކީޕަރު ކައިރިން ނައްޓާލުމަށް ފަހު މުޅިން ހުސްކޮށް އޮތް ގޯލަށް ފޮނުވާލި ބޯޅަ ޑަމަކްގެ ޑިފެންޑަރަކު ވަނީ ގޯލު ރޮނގުމަތިން ދިފާއުކޮށްފައެވެ.
މިމެޗުން އަލް ނަސްރު މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް ޑިފެންޑަރު އެމެރިކް ލަޕޯޓް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން އަލް ނަސްރަށް 65 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޑަމަކް އިން ލީގުގައި ކުޅުނު 27 މެޗުން އެޓީމަށް 35 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 8 ވަނައިގައެވެ.