ފަހު ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް އެއްވަނައަށް
ހަސަން ޝަމްއޫން
4/4/2024, 10:12:56 PM
ލިވިޕޫލުގެ ކުޅުންތެރިން ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ ލިވަޕޫލުން ނެވެ. އަދި މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން ފުރަތަަމަ ހާފުގެ 17 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުރުގުއާއީގެ ފޯވާޑް ޑާވިން ނުނޭޒް އެވެ. މިއީ ޝެފީލްޑް ޔުނައިޓެޑްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ލިވަޕޫލުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ލިވަޕޫލުން ނެވެ. ނަމަވެސް ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ޝެފީލްޑް ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑަކީ ލިވިޕޫލުގެ ޒުވާން ޑިފެންޑަރު ކޯނޯ ބްރެޑްލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ލިވަޕޫލުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފަހުހާފުގެ 76 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާ އެވެ. މިއީ އެޓީމުގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ލިވަޕޫލުން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރި ލަނޑު ފަހުހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ކޯޑީ ގައްޕޯ އެވެ. މިއީ އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ޑިއޭގޯ ޑަލޮޓް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން ލިވަޕޫލަށް 70 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޝެފީލްޑް ޔުނައިޓެޑަށް ލީގުގައި ކުޅުނު 30 މެޗުން ލިބުނު 15 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފުލުގައެވެ.