ފަހަތުން އަރައި އިންޓަ މިއާމީ ބަލިކޮށް މޮންޓެރެއި އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި
ހަސަން ޝަމްއޫން
4/4/2024, 5:51:34 AM
މޮންޓެރެއި އާއި އިންޓަ މިއާމީ ވާދަކުރި މެޗުގެ ތެރެއިިން
ކޮންކާކަފް ޗެންޕިއަން ކަޕްގެ ކުއާޓާ ފައިނަލް ފުރަތަަމަ ލެގުގައި ރޭޭ ފަތިހު 2-1 ގެ ނަތީޖާއަކުން އެމެރިކާގެ އިންޓަ މިއާމީ ބަލިކޮށް މެކްސިކޯގެ މޮންޓެރެއި އިން މުބާރާތްގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
އިންޓަ މިއާމީގެ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިއާމީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ޒުވާން ޑިފެންޑަރު ޓޮމަސް އަވިލްސް އެވެ.
މިއީ އެޓީމުގެ މިޑްފިލްޑަރު ޖޫލިއަން ގްރެސެލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި މޮންޓެރެއި އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މިމެޗުގައި ކެޕްޓަން ލަޔޮނަލް މެސީ އާއި ނުލައި ކުޅެމުންދިޔަ އިންޓަ މިއާމީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ގާތްގާތުގައި ދެއްކި ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ އެޓީމުގެ ޒުވާން މިޑްފިލްޑަރު ޑޭވިޑް ރުއިޒް ދަނޑުން ފޮނުވާލުމުންނެވެ.
މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އަދި އިންޓަ މިއާމީ އިން އެއްކުޅުތެރިއަކު މަދުވުމުގެ ފައިދާ ނަގައި އޭގެ ހަތަރު މިނެޓް ފަހުން މޮންޓެރެއި އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު މެކްސިމިލިއާނޯ މެޒާ އެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މެޒާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ރޮޑްރިގޭޒް އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މޮންޓެރެއި ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމު މެދުގައި ކުޅެވޭ ކުއާޓާ ފައިނަލު ދެވަނަ ލެގުގެ މެޗު މޮންޓެރެއި ގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.