އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން ސިޓީއަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
4/4/2024, 3:02:42 AM
އެސްޓަން ވިލާ އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިިން
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން އިތުރަށް އެއްމެޗު ކުޅެ ޕޮއިންޓްގެ ގޮތުން ލިވަޕޫލާއި އަރާ ހަމަކޮށްފި އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓުކުރި އިރު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު ރޮޑްރީ އެވެ. މިއީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ 9 މިނެޓް ފަހުން އެސްޓަންވިލާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ފޯވާޑް ޔުހޮން ޑުރާން އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް މޯގަން ރޮޖާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެންޗެސްޓާ ސިޓީ އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި މެންޗެސްޓާ ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފިލް ފޮޑެން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގައި މެންޗެސްޓާ ސިޓީ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ، ފޮޑެން އޭނާގެ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 30 މެޗުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ.
މީގެ އިތުރުން މިއީ މިސީޒަނުގައި ފޮޑެންގެ ދެވަނަ ހެޓްރިކެވެ. މީގެ ކުރިން އޭނާ ވަނީ ބްރެންޓްފޯޑާއި ދެކޮޅަށް ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އިން ކުޅުނު މެޗުގައި ވެސް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން މެންޗެސްޓާ ސިޓީއަށް 67 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އަދި ލީގު ތާވަލްގެ ދެވަނައިގައި އޮތް ލިވަޕޫލަށް 29 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު މާދަމާ ރޭ ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.
މިމެޗުން ބަލިވި އެސްޓަންވިލާ އަށް ލީގުގައި ކުޅުނު 31 މެޗުން ލިބުނު 59 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ.