logoEN
cocacola
ފަހަތުން އަރައި ލޫޓަން އަތުން މޮޅުވެ ޓޮޓެންހަމް  އިން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި

ފަހަތުން އަރައި ލޫޓަން އަތުން މޮޅުވެ ޓޮޓެންހަމް އިން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި

ހަސަން ޝަމްއޫން

logo

3/31/2024, 2:27:53 AM

# ޓޮޓެންހަމް# ބޭރު ދުނިޔޭގެ ކުޅިވަރު# އިގިރޭސި ޕްރިމިއާ ލީގް# ލޫޓަން

ހިއުންގް މިން ސޮން ލޫޓަން ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލޫޓަން އިން ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ، ޓޮޓެންހަމް އިން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ޓޮޓެންހަމް އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ލޫޓަން އިންނެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ޓަހީތު ޗޮންގް އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ރޮސް ބާކްލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލޫޓަންގެ ލަނޑަށްފަހު ޓޮޓެންހަމް އިން ވަނީ އެޓީމުގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި އެޓީމުގެ ޖަރުމަނު ފޯވާޑް ޓީމޯ ވާނާ އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ގޯލު ދަނޑިކައިރިން ބޭރަށް ދިޔައިރު، އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ސައުތު ކޮރެއާ ފޯވާޑް ހިއުންގް މިން ސޮން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ލޫޓަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑަކީ ލޫޓަންގެ ޑިފެންޑަރު އީސާ ކަބޯރް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޓޮޓެންހަމް މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހިއުންގް މިން ސޮން އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން ފޯވާޑް ބްރޭނަން ޖޯންސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 29 މެޗުން ޓޮޓެންހަމް އަށް 56 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ލޫޓަން އިން ލީގުގައި ކުޅުނު 30 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 18 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ