ފަސޭހަކަމާއި އެކު ފަސްތަރި ބަލިކޮށް އާރުޑީއެލް ސެމީ ފައިނަލަށް
ހަސަން ޝަމްއޫން
3/31/2024, 1:24:05 AM
އާރުޑީއެލް ސްޕޯޓްސް ކުލަބާއި ފަސްތަރި ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިިން... ފޮޓޯ: އިމޭޖެސް އެމްވީ
މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ފަސްތަރި ސްޕޯޓްސް ކުލަބާއި އާރުޑީއެލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާރުޑީއެލް އިން މުބާރާތްގެ ސެމީފައިނަލުން ޖާގަ ހޯދައިފި އެވެ.
އާރުޑީއެލް ސްޕޯޓްސް ކުލަބުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި ދެވަނަ ބުރުގައި 3-7 ގެ ނަތީޖާއަކުން އެޕޯކަލިޕްސް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ. އަދި ފަސްތަރި ސްޕޯޓްސް ކުލަބުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ ދެވަނަ ބުރުގައި 5-1 ގެ ނަތީޖާއަކުން ދަ ވަން ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ.
ރޭގެ މެޗުގެ ފުރަތަަމަ ހާފު 3-1 ގެ ނަތީޖާއަކުން އާރުޑީއެލް ކުރީގައި އޮވެގެން ނިމުނުއިރު މެޗުގެ ދެވަަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުގެ ހުސެއިން ސުހައިލު ދެލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ އަހުނަފް ރަޝީދު، މުހައްމަދު ވިލްފް އަދި މުހައްމަދު މިންވާލްގެ އިތުރުން ހުސެއިން ޝަރީފް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.
މިމެޗުގައި ފަސްތަރި ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައިި ކާމިޔާބުކޮށްދިނީ އެޓީމުގެ މޫސާ އަޒްމީން ހުސެއިން އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އާރުޑީއެލް ސްޕޯޓްސް ކުލަބުގެ ހުސެއިން ޝަރީފް އެވެ.
މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ ރޭ 23:00 ގައި އާރުޑީއެލް ސްޕޯޓްސް ކުލަބު ނުކުންނާނީ ރޭ ކުޅެވުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި 0-1 ގެ ނަތީޖާއަކުން ސްކޮޑްރާ އަތުން މޮޅުވި ޔޫއެން ފްރެންޑްސް އާއި ދެކޮޅަށެވެ.
މީގެ އިތުރުން މުބަރަތުގެ ސެމީފައިނަލްގެ ދެމެޗު ވެސް އެޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 22:00 އެވެ.