ރަށުން ބޭރުގައި ނަޕޯލީ ބަލިކޮށް އެޓްލާންޓާ ހަވަނަ އަށް ކުރިއަށް ޖެހިލައިފި
ހަސަން ޝަމްއޫން
3/30/2024, 3:54:15 PM
ނަޕޯލީ ކޮޅަށް ލަނޑުޖެހުމަށް ފަހު އެޓަލާންޓާގެ ނެދަލޭންޑްސްގެ މިޑްފީލްޑަރު ޓެނޫ ކޫޕްމެއިނަރސް އުފާފާޅުކުރަނީ
އިޓާލިއަން ސެރިއޭގައި މިއަދު ހަވީރު ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ޗެންޕިއަން ނަޕޯލީ ބަލިކޮށް އެޓަލާންޓާ އިން ލީގު ތާވަލުގެ 6 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މިދެޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ނަޕޯލީ މޮޅުވެފައި ވާއިރު، މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރީ ނަޕޯލީ އިންނެވެ. ނަމަވެސް ފުރަތަަމަ ހާފުގެ 26 ވަނަ މިނެޓުގައި ނަޕޯލީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އެޓަލާންޓާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ރަޝިޔާ މިޑްފީލްޑަރު އެލެކްސީ މިރަންޗުކް އެވެ. މިއީ އެޓީމުގެ ކްރޮއޭޝިޔާ މިޑްފީލްޑަރު މާރިއޯ ޕަސަލިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އެޓަލާންޓާގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ އިޓަލީ ފޯވާޑް ޖިއަންލޫކާ ސްކޭމަކާ އޭވެ.
މިއީ ވެސް ނަޕޯލީގެ ފަހަތަށް ކުޅޭ ކުޅުންތެރިން ހެދުނު ގޯހެއްގެ ފައިދާ ނަގައި އެޓީމުގެ މިޑްފިލްޑަރު އެލެކްސީ މިރަންޗުކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެޓަލާންޓާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ނަޕޯލީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވި މެޗު ނިމެން ދަނިކޮށް ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި އެޓަލާންޓާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނެދަލޭންޑްސްގެ މިޑްފީލްޑަރު ޓެނޫ ކޫޕްމެއިނަރސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އެޓަލާންޓާ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 29 މެޗުން އެޓަލާންޓާ އަށް 50 ޕޮއިންޓް ލިބިފައިވާއިރު ިއެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 6 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ނަޕޯލީ އިން ލީގުގައި 30 މެޗު ކުޅެފައިވާއިރު، އެޓީމަށް ލިބިފައިވަނީ 45 ޕޮއިންޓާއެކު ލީގު ތާވަލުގެ 7 ވަނަ އެވެ.