
ވާދަވެރި ކުޅުމަކަށްފަހު ކާމްސް ބްލޫ ބަލިކޮށް ސެމީގެ ފުރަތަަމަ ޖާގަ ޖޭޖޭ ސްޕޯޓްސް ކުލަބުން ހޯދައިފި
# ބީޖީ ފުޓްސަލް ޗެލެންޖު 2024ޖޭޖޭ ސްޕޯޓްސް ކުލަބާއި އެފްސީ ކާމްސް ބްލޫ ވާދަކުރި މެޗުގެ ތެރެއިިން.. ފޮޓޯ: އިމޭޖެސް އެމްވީ
މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ އެފްސީ ކާމްސް ބްލޫ އާއި ޖޭޖޭ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖޭޖޭ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ކާމްސް ބްލޫ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ސްޕާޓަންސް 4-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޖޭޖޭ ސްޕޯޓްސް ކުލަބު ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި 11-2 ގެ ތަފާތުބޮޑު ނަތީޖާއަކުން އަނާކީ ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ.
ރޭގެ މެޗުގެ ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު ޖޭޖޭ ސްޕޯޓްސް ކުލަބުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ މިދުހަތު އެވެ.
ޖޭޖޭ ސްޕޯޓްސް ކުލަބުގެ ލަނޑަށްފަހު ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޖޭޖޭ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ޖޭޖޭ ސްޕޯޓްސް ކުލަބުން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިސްމާއިލް އީސާ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ކާމްސް ބްލޫ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނަޝާހް އަހުމަދު އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ޖޭޖޭ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ސެމީފައިނަލްގެ ފުރަތަަމަ މެޗުގައި އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ ރޭ 22:00 ގައި ޖޭޖޭ ސްޕޯޓްސް ކުލަބު ނުކުންނާނީ ރޭ ކުޅެވުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޒެފަރސް ސްޕޯޓްސް ކުލަބު އަތުން މޮޅުވި އެފްސީ ކާމްސް އާއި ދެކޮޅަށެވެ.
މިރޭ 22:00 ގައި ކުޅޭ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި އާރުޑީއެލް ސްޕޯޓްސް ކުލަބާއި ފަސްތަރި ސްޕޯޓްސް ކުލަބު ވާދަކުރި އިރު. ކުއާޓާ ފައިނަލުގެ ފަހުމެޗުގައި މިރޭ 23:00 ގައި ސްކޮޑްރާ އިން ނުކުންނާނީ ޔޫއެން ފްރެންޑްސް އާއި ދެކޮޅަށެވެ.
މީގެ އިތުރުން މުބަރަތުގެ ސެމީފައިނަލްގެ ދެމެޗު އެޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 22:00 އެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް އެސްސީ ބަލިކޮށް ޖޭޖޭ ސްޕޯޓްސް ކުލަބުން ޗެންޕިއަންކަން ހޯދައިފި

ފަސޭހަކަމާއި އެކު ޔޫއެން ފްރެންޑްސް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ އާރުޑީއެލް ސްޕޯޓްސް ކުލަބުން ހޯދައިފި

އެފްސީ ކާމްސް ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ ޖޭޖޭ ސްޕޯޓްސް ކުލަބުން ހޯދައިފި
