logoEN
cocacola
އަހަރުގެ އެންމެ މާތް ރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ - ހުތުބާ

އަހަރުގެ އެންމެ މާތް ރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ - ހުތުބާ

އަލްފާ އަލީ

logo

3/29/2024, 8:07:00 AM

# ހުތުބާ

-

އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

ގޮސިޔާ

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނީ "ކާމިޔާބީތަކެއްގެ މައްސަރު (ރަމަޟާން މަސް)" މި މައުޟޫ އަށެވެ.

މި މާތް ރަމަޟާން މަހުގައި މާތް الله އިސްލާމީ އުއްމަތަށް ގިނަގުނަ ކާމިޔާބީތަކެއް ދެއްވާފައިވާ ކަން މިއަދުގެ ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރެއިން އެއް ކާމިޔާބީއަކީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ދެއްވި ނަޞްރެވެ. އެދުވަހަކީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހެވެ. އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ "يَوْمُ الْفُرْقَان" އެވެ.

މި ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ ޢަދުލުވެރިކަމުގެ ފިލާވަޅެވެ. މާތް ނަބިއްޔާ ސައްލައްالله އަލައިހި ވަސައްލަމަ އެހެން ބައެއްގެ މައްޗަށް ޢަދުލުވެރިކަން ހިންގެވުމުގެ ކުރިން ޚުދު އެކަލޭގެފާނުގެ ނަފުސުގެ މައްޗަށް ޢަދުލުވެރިކަން އިސްކުރެއްވި ކަމެވެ.

މި ހަނގުރާމައިގެ ލަޝްކަރު ތައްޔާރުކުރެއްވުމަށް ސަފުތައް ތަރުތީބުކުރެއްވި ވަގުތު، އެއް ބޭކަލަކު ސަފުން ކުރިއަށް ޖެހިވަޑައިގެން ހުންނެވި ތަން ފެނިވަޑައިގެން "އޭ ސަވާދެވެ! ސަފުތެރެއަށް ވަދެވަޑައިގަންނަވާށެވެ." މިހެން ޙަދީޘް ކުރައްވައި ސަވާދުގެ ބަނޑުފުޅުގައި އެކަލޭގެފާނުގެ އަތްޕުޅުގައިއޮތް ބޮންތިކޮޅުން ޖެއްސެވިއެވެ. އެހިނދު ސަވާދު ދެންނެވިއެވެ. "އޭ اللهُ ގެ ރަސޫލާއެވެ. އަޅުގަނޑަށް ތަދުވެއްޖެއެވެ. އެހެންވީމާ އެކަމުގެ ޤިޞާޞް ނުހިއްޕަވައި ދޫނުކުރައްވާހުށީމެވެ." އެހިނދު ރަސޫލު الله ސައްލައްالله އަލައިހި ވަސައްލަމަ ވަރަށް ތަވާޟުޢުވެރިކަމާއެކު ބަނޑުފުޅު ކަޝްފުކުރައްވައި ޤިޞާޞް ހިފުމަށް ސަވާދު އަރިހު އެދިވަޑައިގެންނެވިއެވެ. ދެން ސަވާދު އެކަލޭގެފާނުގެ ގައިކޮޅުގައި ބޮސްދެއްވިއެވެ. ރަސޫލު الله ސައްލައްالله އަލައިހި ވަސައްލަމަ ސަވާދާ ސުވާލުކުރެއްވިއެވެ. ތިޔަ ހެއްދެވީ ކިހިނެއްހެއްޔެވެ؟ ސަވާދު ދެންނެވިއެވެ. "މާތް اللهُ ގެ ރަސޫލާއެވެ! އަޅުގަނޑުމެން މިތިބަ ޙާލު ދެނެވަޑައިގަންނަވަމު ނޫންތޯއެވެ! މިދުނިޔޭގެ އެންމެ ފަހު ކަމަކަށް އަޅުގަނޑު އެދެމުން އައީ ކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅުގައި ބޮސްދީ ކަލޭގެފާނުގެ ހަށިކޮޅުގައި އަޅުގަނޑު ބީހުމެވެ. ދެން އެކަލޭގެފާނު ސަވާދަށްޓަކައި ހެޔޮ ދުޢާ ކުރެއްވިއެވެ. އަދި ސަފުގައި އެއްވަރުވެ ހުރުމަށް އެންގެވިއެވެ."

މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ، މަޝްވަރާކުރުމުގެ މަތިވެރި ފިލާވަޅެވެ. ރަސޫލު الله ސައްލައްالله އަލައިހި ވަސައްލަމަ ގެ މައްޗަށް ވަޙީ ބާވައިލައްވަމުން ދިޔަ އިރުވެސް، އެކަލޭގެފާނު ދެއްކެވި ނަމޫނާ އަކީ، އެކަލޭގެފާނަކީ އަމިއްލަފުޅު ރައުޔަށް ކަންކަންކުރައްވާ ބޭކަލެއް ނޫންކަމެވެ. މީސްތަކުންނަށް ޢަމަލީ ގޮތުން އެކަން މި ހަނގުރާމައިގެ ތެރޭގައި ފެނުނެވެ. މި ހަނގުރާމަޔަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި އަބޫބަކުރުގެފާނު ވަރަށް ފުރިހަމައަށް ވާހަކަފުޅު ދެއްކެވިއެވެ. ޢުމަރުގެފާނު ހަމަ އެފަދައިން ޚިޔާލު ހުށައެޅުއްވިއެވެ. اَلْمِقْدَادُ بْنُ عَمْرو ތެދުވެވަޑައިގެން ދެންނެވިއެވެ. މާތް اللهُ ގެ ރަސޫލާއެވެ! މާތް اللهُ އަމުރުކުރެއްވި ގޮތަކަށް ކުރިއަށް ވަޑައިގަންނަވާށެވެ! އަޅުގަނޑުމެން މިތިބީ ކަލޭގެފާނާއެކު ކޮންމެ ޙާލަތެއްގައިވެސް ހަނގުރާމަ ކުރާށެވެ.

މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެކަމެވެ. ބަދުރު ހަނގުރާމައިގައި ބަފައިން ދަރިންނާ، ދަރިން ބަފައިންނާ އަޚުން އަޚުންނާ، ގާތްތިމާގެމީހުން ގާތްތިމާގެމީހުންނާ އަދި ރައްޓެހިން ރައްޓެހިންނާ، ހަނގުރާމަ ކުރިއެވެ.

މިއަދުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނާން ހުރި ކަން ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

"ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގައިވެސް އެބައިމީހުންގެ ހިތްވަރާއި ޢަޒުމުގެ ވަރުގަދަކަން ނިކަން ދެކޭށެވެ! ހެއްދެވިފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން ޢިބުރަތް ލިބިގަންނާށެވެ! މުސްލިމުންގެ މޮޓޯ އަކީ ހަމަ އެއް މޮޓޯ އެކެވެ! "މާތް اللهُ ގެ މަގުގައި ޝަހީދުވުން، ނުވަތަ ނަޞްރު ލިބުމެވެ.""

މިމައްސަރުގައި ދެއްވި އަނެއް ކާމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހު، ވިހިވަނަ ދުވަހު ދެއްވި މައްކާ ފަތަޙަކުރެއްވުމުގެ ކާމިޔާބީއެވެ. މައްކާއިން އެކަލޭގެފާނު ބޭރުކޮށްލެވުނު ހިނދު، އެކަލޭގެފާނު ނުކުމެވަޑައިގެންނެވީ އަބޫބަކުރުގެފާނާއެކު ގިނިކަންޏާއެވެ. ނަމަވެސް މައްކާ ފަތަޙަކުރެއްވި ދުވަހު އެކަލޭގެފާނު މައްކާއަށް ވެދެވަޑައިގެންނެވީ ދިހަހާހަށްވުރެ ގިނަ އަޞްޙާބު ބޭކަލުންނާއިގެންނެވެ! މި މަތިވެރި ކާމިޔާބީ ލިބިވަޑައިގަތުމަށްފަހު، މައްކާގެ ރައްޔިތުން އެއްކުރައްވައި ރަސޫލާ ސައްލައްالله އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ހީކުރަނީ ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ދޭތެރޭ ކޮން ގޮތަކަށް ޢަމަލުކުރައްވާނެ ކަމަށް ހެއްޔެވެ؟" އެބައިމީހުން ދެންނެވޫއެވެ. "ހެޔޮކޮށް ކަންތައް ކުރައްވާނެ ކަމަށެވެ! ކަލޭގެފާނަކީ ދީލަތި އަޚެއްގެ ދީލަތި ދަރިކަލަކީމުއެވެ." އެހިނދު ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި މާތް ރަސޫލާ ސައްލައްالله އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ދާށެވެ! ތިޔަބައިމީހުންނީ މިނިވަނުންނެވެ!" އެކަލޭގެފާނާ މެދު އިހާނެތިކޮށް އެބައިމީހުން ކަންތައްކޮށްފައި ވީއިރުވެސް އެކަލޭގެފާނަށް އާރާއި ބާރު ލިބިވަޑައިގެން ހުންނަވައިމެ، އެބައިމީހުންނަށް މަޢާފު ކުރެއްވީއެވެ. އެކަލޭގެފާނަކީ އޯގާވެރިކަމާއި ހިތްޕުޅު ތިރިކަމުގެ ލާމަސީލު ނަމޫނާ އެކެވެ.

މިމައްސަރުގައި ދެއްވާފައިވާ އަނެއް ކާމިޔާބީއަކީ މީހާގެ މުޅި ޢުމުރުގައި ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުޞަތެވެ. އެއީ ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ފުރުޞަތެވެ. އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގައި ކޮށްފައިވާ ހެޔޮކަމަށްވުރެ ބޮޑެވެ.

ލައިލަތުލްޤަދްރި ވިލޭރެއާ ބެހޭގޮތުން މާތްالله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "لَيْلَةُ الْقَدْرِ ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ." އެއްހާސް މައްސަރަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރާއި ހަތަރު މަހެވެ.

މި މާތް ރޭގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ރަމަޟާން މަހުގެ ފަހުދިހައިގާ އިތުރަށް ހީވާގިވާގިވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މުސްލިމް އަޚުންނޭވެ! ބަރަކާތުން ފުރިފައިވާ ދުވަސްތައް ފެށުނުތާ އަދި މާގިނަ ދުވަސްތަކެއް ވީހެނެއް ހިޔެއް ނުވެއެވެ. މިހާރު މިވަނީ ނިމުމަކާ ގާތްވެފައެވެ. އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރު ކުރުމަށް މަސައްކަތް ކުރާށެވެ! ރަސޫލު الله ސައްލައްالله އަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަހުލުބައިތުންވެސް ރޭއަޅުކަމަށް ނަންގަވައެވެ. ފަހުދިހައިގާ އިހުނަށް ވުރެ ބޮޑަށް ހީވާގިވެ ވަޑައިގަންނަވައެވެ. އިޢުތިކާފަށް އިންނަވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ