
ޔަންގް ސްޓާސް ބަލިކޮށް ކުއާޓާގެ ފަހު ޖާގަ ޔޫއެން ފްރެންޑްސް އިން ހޯދައިފި
# ބީޖީ ފުޓްސަލް ޗެލެންޖު 2024ޖަންގް ސްޓާސް އާއި ޔޫއެން ފްރެންޑްސް ވާދަކުރި މެޗުގެ ތެރެއިިން.. ފޮޓޯ: އިމޭޖެސް އެމްވީ
މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ރައުންޑް އޮފް 16 ގައި މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗުގައި ޔަންގް ސްޓަރ އެސްސީ އާއި ޔޫއެން ފްރެންޑްސް ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން މޮޅުވެ ޔޫއެން ފްރެންޑްސް އިން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޔަންގް ސްޓާސް އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިިން ދެމެޗުން މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި ޔޫއެން ފްރެންޑްސް މުބާރާތްގެ ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އެޓީމުން މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިިން ދެމެޗުން މޮޅުވިއިރު، އެއްމެޗުން ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ޔޫއެން ފްރެންޑްސް އިން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ޝާއިން އެވެ. އަދި އޭގެ ހަމިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ އިސްމާއިލް މިމްރާހް މުއީން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޔޫއެން ފްރެންޑްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ޔަންގް ސްޓާސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ޒަރީރު އެވެ. ނަމަވެސް ޖެހިގެންއައި މިނެޓުގައި ޔޫއެން ފްރެންޑްސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ.
މިމެޗުގައި ޔަންގް ސްޓާސް އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 33 ވަނަ މިނެޓުގައި އިސްމާއިލް ޒަރީރު ކާމިޔާބުކުރި އިރު، ޖެހިގެންއައި މިނެޓުގައި އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މުހައްމަދު ތޯހިރު އެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ޔޫއެން ފްރެންޑްސް ގެ ފަސް ޕެނަލްޓީގެ ތެރެއިިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، ޔަންގް ސްޓާސް ގެ ފަސް ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-7 ގެ ނަތީޖާއަކުން ޔޫއެން ފްރެންޑްސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޔޫއެން ފްރެންޑްސް ގެ މުހައްމަދު ޝާއިން އެވެ.
7 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޖީ ފުޓްސަލް ޗެލެންޖު މިއަހަރު އަލުން ފެށިގެން ކުރިއަށްދާއިރު މިއަހަރުގެ މުބާރާތުގައި ޖުމުލަ 32 ޓީމަކުން ބައިވެރިވެފައިވެއެވެ.
ޗެންޕިއަން ޓީމަށް 40,000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 32 ޓީމު ވާދަކުރަމުންދާއިރު، މުބާރަތުގެ މެޗުތައް ކުރިއަށްދަނީ ބައިވެރި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވޭއިރު، މުބާރަތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބީޖީ ފުޓްސަލް ދަނޑުގައެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް އެސްސީ ބަލިކޮށް ޖޭޖޭ ސްޕޯޓްސް ކުލަބުން ޗެންޕިއަންކަން ހޯދައިފި

ފަސޭހަކަމާއި އެކު ޔޫއެން ފްރެންޑްސް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ އާރުޑީއެލް ސްޕޯޓްސް ކުލަބުން ހޯދައިފި

އެފްސީ ކާމްސް ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ ޖޭޖޭ ސްޕޯޓްސް ކުލަބުން ހޯދައިފި
