logoEN
cocacola
ޕެނަލްޓީގައި ބީކޭ ބަލިކޮށް ސްކޮޑްރާ ކުއާޓާ ފައިނަލަށް

ޕެނަލްޓީގައި ބީކޭ ބަލިކޮށް ސްކޮޑްރާ ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

3/27/2024, 1:01:41 PM

# ބީޖީ ފުޓްސަލް ޗެލެންޖު 2024

ބީކޭ ސްޕޯޓްސް ކުލަބާއި ސްކޮޑްރާ ވާދަކުރި މެޗުގެ ތެރެއިިން... ފޮޓޯ އިމޭޖެސް އެމްވީ

މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ރައުންޑް އޮފް 16 ގައި މިއަދު ހަވީރު ކުޅެވުނު ފުރަތަަމަ މެޗުގައި ބީކޭ ސްޕޯޓްސް ކުލަބާއި ސްކޮޑްރާ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން މޮޅުވެ ސްކޮޑްރާ އިން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ސްކޮޑްރާ އިން ހޯދީ ގުރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން މުބާާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިިން ދެމެޗުން މޮޅުވިއިރު އެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މިމެޗުން ބަލިވި ބީކޭ ސްޕޯޓްސް ކުލަބުން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ގުރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިިން އެއްމެޗުން މޮޅުވެ، އެއް މެޗުން ބަލިވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ސްކޮޑްރާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް އާޒިމް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްކޮޑްރާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ބީކޭ ސްޕޯޓްސް ކުލަބުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ އަޝްހަމް އަބްދުﷲ އެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ސްކޮޑްރާ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިިން ތިން ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، ބީކޭ ސްޕޯޓްސް ކުލަބުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ސްކޮޑްރާގެ އިބްރާހިމް އާޒިމް އެވެ.

7 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޖީ ފުޓްސަލް ޗެލެންޖު މިއަހަރު އަލުން ފެށިގެން ކުރިއަށްދާއިރު މިއަހަރުގެ މުބާރާތުގައި ޖުމުލަ 32 ޓީމަކުން ބައިވެރިވެފައިވެއެވެ.

ޗެންޕިއަން ޓީމަށް 40,000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 32 ޓީމު ވާދަކުރަމުންދާއިރު، މުބާރަތުގެ މެޗުތައް ކުރިއަށްދަނީ ބައިވެރި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވޭއިރު، މުބާރަތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބީޖީ ފުޓްސަލް ދަނޑުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ