ނެދަލޭންޑްސް އަތުން ޖަރުމަނަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
3/27/2024, 11:30:27 AM
ނެދަލޭންޑްސް އާއި ޖަރުމަނު ވާދަކުރި މެޗުގެ ތެރެއިިން
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އަންގާރަދުވަހުގެ ރޭ ނެދަލޭންޑްސް އާއި ޖަރުމަނު ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ޖަރުމަނުން ކާމިޔާބުކޮށްފި އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ނެދަލޭންޑްސް އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ޖޯއީ ވީރްމަން އެވެ. މިއީ އެޓީމުގެ ފޯވާޑް މެމްފިސް ޑިޕާއީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ހަތް މިނިޓް ފަހުން ޖަރުމަނުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މެކްސިމިލިއަން މިޓުލްސްޓޭޓް އެވެ. މިއީ އެޓީމުގެ ޒުވާން މިޑްފިލްޑަރު ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ނެދަލޭންޑްސް ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް މެމްފިސް ޑިޕާއީ އަށެވެ. ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ޖަރުމަނުގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތެއްގައި ޑިޕާއީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މީގެ އިތުރުން މިހާފުގައި ޖަރުމަނު ޓީމުގެ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ ގެ އިތުރުން ތަޖުރިބާކާރު މިޑްފިލްޑަރު ތޯމަސް މުލާ އަށް ވެސް ވަނީ ވަރަށް ހުސް ދެ ފުރުސަތު ލިބި ބޭނުން ނުކުރެވިފައެވެ. އަދި މިމެޗުން ޖަރުމަނު މޮޅުވި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ނިކްލަސް ފުލްކްރޫގް އެވެ.
މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ތަޖުރިބާކާރު މިޑްފިލްޑަރު ޓޯނީ ކްރޫސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.