މެސީ އާއި ނުލައި ކުޅުނު ފުރަތަަމަ މެޗުގައި ތަފާތުބޮޑު ނަތީޖާއަކުން އިންޓަ މިއާމީ ބަލިވެއްޖެ
ހަސަން ޝަމްއޫން
3/24/2024, 3:00:12 AM
ނިއުޔޯކް ރެޑް ބުލްސް ގެ މިޑްފީލްޑަރު ލުއިސް މޯގަން (ކ) މިމެޗުގައި މޯގަން ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފަ..
އެމެރިކާގެ މޭޖާ ލީގު ސޮކާގެ އީސްޓަން ކޮންފަރެންސްގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ނިއުޔޯކް ރެޑް ބުލްސް އާއި ދެކޮޅަށް ކުޅުނު މެޗުން 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އިންޓަ މިއާމީ ބަލިވެއްޖެ އެވެ.
އަނިޔާގެ ސަބަބުން ކެޕްޓަން ލަޔޮނަލް މެސީ އާއި ނުލައި ކުޅުނު އިންޓަ މިއާމީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ނިއުޔޯކް ރެޑް ބުލްސް އިން ލީޑު ހޯދީ ފުރަތަމަ ހާފު ފެށިގެން ތިންވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓްލޭންޑްގެ މިޑްފީލްޑަރު ލުއިސް މޯގަން އެވެ. މިއީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ޑަންޓޭ ވެންޒިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނިއުޔޯކް ރެޑް ބުލްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ނިއުޔޯކް ރެޑް ބުލްސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ފަހުހާފު ފެށިގެން 6 ވަނަ މިނެޓުގައި ލުއިސް މޯގަން ކާމިޔާބުކުރި އިރު، މެޗުގެ 65 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެނެޒުއޭލާގެ މިޑްފީލްޑަރު ވައިކަމަން ކާމޯނާ އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ލުއިސް މޯގަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ނިއުޔޯކް ރެޑް ބުލްސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 5 މެޗުން ނިއުޔޯކް ރެޑް ބުލްސް އަށް 10 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ.
މިމެޗުން ބަލިވި އިންޓަ މިއާމީ އަށް ވެސް 6 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި ލީގު ތާވަލުގެ އެއްވަނައިގައި ލަނޑުގެ ތަފާތުން މިވަގުތު އޮތީ 4 މެޗުން 10 ޕޮއިންޓް ހޯދާފައިވާ ކޮލަމްބަސް ކުރޫވް އެވެ.