
-
ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމް 2024 އަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

2018 ވަނަ އަހަރު ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓް އުފެދުނީއްސުރެ ދިރާގުން އަންނަނީ އެ އެންޖީއޯގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އެކި ހުނަރުތައް ތަރައްގީކޮށް ތަފާތު ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން ބާރުވެރިކުރުވާ، މުޖުތަމައުގައި ޝާމިލްކުރުމެވެ.
މިއަހަރުގެ ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ކޮމްޕިއުޓަރު ބޭނުންކުރުމުގެ ހުނަރާއި ކެއްކުމާއި އާޓްސް އެންޑް ކްރާފްޓް ހުނަރުތައް ތަރައްގީ ކުރުމަށް ކަމަށް ދިރާގުން ބުނެއެވެ.
މި ޕްރޮގްރާމްގައި މިވަގުތު 27 ދަރިވަރަކު ކިޔަވަމުން އަންނައިރު، އެ ހުނަރުތައް އެކުދިންނަށް ދަސްކޮށްދެނީ އެކަމަށް ހާއްސަ މުދައްރިސުނެވެ. ދިރާގުގެ ޕާޓްނަރޝިޕް މެދުވެރިކޮށް މި ޕްރޮގްރާމްގައި ކިޔަވައިދުނުމަށް ބޭނުންވާ މުހިންމު ތައުލީމީ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކެއާ ސޮސައިޓީއިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޕްރޮގްރެސް ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޮކޭޝަނަލް ޓްރެއިންގ ޕްރޮގްރާމް މެދުވެރިކޮށް 81 އިންސައްތަ ޕްރޮގްރެސް ރޭޓް ދަރިވަރުން ވަނީ ހާސިލްކޮށްފައެވެ. އެގޮތުން ކުދިންގެ އަމިއްލަ މިނިވަންކަމާއި، މުވާސަލާތީ އަދި އިޖުތިމާއީ ހުނަރުތަކަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ބުނެފައިވެއެވެ.
ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އަމާޒެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެފަދަ ޕްރޮގްރާމްތަކަށް ދިރާގުން އަބަދުވެސް ދަނީ އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ބުނެފައިވެއެވެ.