
ފޮޓޯ: ދިރާގު
ދިރާގު ޕޭގެ ނަމުގައި އިމްޕަރސަނޭޓްކޮށް ފިޝިންގ ލިންކެއް ދައުރުކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު އެދިއްޖެއެވެ.

އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ދައުރުވާ ފިޝިންގ ލިންކްގައި "ދިރާގު - އަހަރުގެ އައު ހަދިޔާ" (30,000 ރުފިޔާ / 50,000 ރުފިޔާ) ސަރވޭއަކާއި ގިފްޓް ބޮކްސް ގޭމެއް މެދުވެރިކޮށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.
މުހިންމު ނުކުތާތައް:
1. ސައްޙަނޫން ލިންކް: މި ވެބްސައިޓްގައި ބޭނުންކޮށްފައިވަނީ ރަސްމީ ނޫން ޔޫއާރުއެލްތަކެއް (މިސާލަކަށް: adfc.okvov.xyz). ދިރާގުގެ ރަސްމީ ރަސްމީ ވެބްސައިޓްގައި **dhiraagu.com.mv**.
2. ހީލަތްތެރި އެދުން: އިނާމު ހޯދުމަށްޓަކައި 5 ގްރޫޕަކަށް ނުވަތަ 20 ފަރާތަކަށް ލިންކް ފޮނުވުމަށް އެދޭ. މި ލިންކްތައް މިގޮތަށް ފެތުރިގެންދޭ
އެންޓި ސްކޭމް ސެންޓަރުން ވަނީ މި ލިންކްތަކަށް ނުފިތުމަށް އެދި މިފަދައެއްވެސް ކަމެއްގައި ބައިވެނުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ސުވާލުތަކަށް ޖަވާބު ނުދިނުމަށާއި އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކުރެއްވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިވަޑައިގެންފައެވެ.
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected]އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.





.jpg&w=3840&q=75)

