
--
ދިރާގުން އެންމެ ފަހުގެ ގްލޯބަލް ސުޕަ ހައިވޭ ސީ-މީ-ޑަބްލިއުއީ 6 (އެސްއެމްޑަބްލިއު6) ސަބްމެރިން ކޭބަލް ރާއްޖެއާއި ގުޅުވާލައިފި އެވެ.

މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ތާރީހުގައި ވެސް ދުނިޔޭގެ ސަބްމެރިން ކޭބަލް ސިސްޓަމް ކޮންސޯޓިއަމްގެ ކޯ އޯނަރެއްގެ ގޮތުގައި ރާއްޖޭގެ ޑިޖިޓަލް ހިދުމަތް ދޭ ފަރާތެއް ބައިވެރިވާ ފުރަތަމަ ފަހަރެވެ.
އެސްއެމްޑަބްލިއު6 ރާއްޖެއާއި ގުޅުވާލުން ރަސްމީކޮށް އިފްތިތާހްކުރުމަަށްޓަކައި މިއަދު ހުޅުމާލޭ ފޭސް 2 ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ. . މި ރަސްމިއްޔާތުޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރުއެވެ.
އެސްއެމްޑަބްލިއު6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ސިންގަޕޫރުން ފެށިގެން ފަރަންސޭސިވިލާތާ ދެމެދުގެ އެގާރަ ގައުމެއްގައި ދެކުނު އިރުމަތީ އޭޝިއާ، މެދުއިރުމައްޗާއި ހުޅަނގު ޔޫރަޕް އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލޮޖީން ގުޅާލާ ދުނިޔޭގެ ސުޕަ ހައިވޭއެކެވެ. ދިގުމިނުގައި 19،200 ކިލޯމީޓަރު ހުންނަ މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ޓްރާންސްމިޝަން ސްޕީޑް ފެށެނީވެސް 100 ޓީބީޕީއެސް އިންނެވެ.
2021 ވަނަ އަހަރު ދިރާގުން ވަނީ މި ބައިނަލްއަގުވާމީ ނިޒާމުގެ ކޯ އޯނަރަކަށް ވުމަށް ދުނިޔޭގެ 16 ޓެލްކޯ އަދި ޓެކްނޯ ކުންފުންޏަކާއެކު ކޮންސޯޓިއަމެއް ހަދާފައެވެ. ދިރާގުން ކުރާ މި ބޮޑު އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތައް ސީދާ ރާއްޖެއަށް ލިބި، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާވެގެންދާނެ އެވެ. މީގެ އިތުރުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ކޮލިޓީ އާއި ރެޒިލިއަންސް ރަނގަޅުވެ، މުސްތަގުބަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ދިރާގަކީ ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމާއި ޓްރާންސްފޯމޭޝަން ހިންގުމުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ، ލޯކަލް އަދި ބައިނަލްއަގްވާމީ ފެންވަރުގައި އަޅުގަނޑުމެން ގުޅާލުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށާއި މިއަދު އިފްތިތާހުކުރި އެސްއެމްޑަބްލިއު6 ސަބްމެރިން ކޭބަލްގެ ސަބަބުން ދުނިޔޭގެ ނެޓްވޯކާ ގުޅެން ވަކި ގައުމަކަށް ބަރޯސާނުވެ ގިނަ އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކަށް ސީދާ ރާއްޖެ އަށް ވަދެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.
އަދި ދުނިޔޭގެ އިންޓަނެޓް ސުޕަ ހައިވޭއާ ގުޅާލައި، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ގައުމު ބިނާކޮށް، ޓެލެކޮމިއުނިކޭޝަން ނެޓްވޯކް ހަރުދަނާ ކުރުމުގައި ދިރާގުން އަދާކުރާ ދައުރަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައި އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ މައި ގުޅުމުގެ ހައިސިއްޔަތުން، ދުނިޔޭގެ ފެންވަރުގައި އަންނަ ޑިޖިޓަލް ޓްރާންސްފޮމޭޝަނާ އެއްވަރަށް، ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން މުއްސަނދި ކުރުމަށް ދިރާގުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ދިރާގުން ރާއްޖެ ޑިޖިޓަލް ނެޓްވޯކް އެސް.އެމް.ޑަބްލިއު.6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަކީ، ދުނިޔޭގެ ޑިޖިޓަލް ހަބެއްގެ ގޮތުގައި ރާއްޖެ ޤާއިމުކޮށް، ރާއްޖޭގެ ޑިޖިޓަލް ބެކްބޯންގެ ރިސިލިއެންސީ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
" ދުނިޔޭގެ މުހިންމު ޑިޖިޓަލް ހަބްތަކަށް ރާއްޖެ ވަނުމުގެ ސަބަބުން ޑިޖިޓަލް ކަނެކްޓިވިޓީގެ ސްޕީޑް އިތުރުވެ، ލެޓެންސީ ކުޑަވެ، މުސްތަގުބަލުގައި އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮވެގެންދާނެ،" ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
އެސްއެމްޑަބްލިއު6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މަސައްކަތް 2026 ވަނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.