މަޓެއޯ ރެޓެގުއާއީ ގެ ދެލަނޑާއެކު ވެނެޒުއޭލާ އަތުން އިޓަލީއަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
3/22/2024, 3:00:00 AM
މަޓެއޯ ރެޓެގުއާއީ ވެނަޒުއޭލާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ބުރާސްފަތި ދުވަހުގެ ރޭ ދެކޮނު އެމެރިކާގެ ގައުމެއްކަމަށްވާ ވެނަޒުއޭލާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އިޓަލީ އިން ކާމިޔާބުކޮށްފި އެވެ. މިއީ މިދެޓީމު ވާދަވެރި މެޗެއްގައި މިހާތަނަށް ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗު ފެށިގެން ތިންވަނަ މިނެޓުގައި ވެނަޒުއޭލާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އެޓީމުގެ ފޯވާޑް ސެލޯމޮން ރޮންޑަން ކުރިއަށް ފޮނުވާލި ޕެނަލްޓީ އިޓަލީގެ ކީޕަރު ޑޮނަރުއްމާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އިޓަލީން މެޘުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މަޓެއޯ ރެޓެގުއާއިއެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު އަންދްރޭ ކެމްބިއާސޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން ވެނެޒުއޭލާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޑާވިން މަޗިސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުން އިޓަލީ މޮޅުވި ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ފޯވާޑް މަޓެއޯ ރެޓެގުއާއިއެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.