ރޮނާލްޑޯ އާއި ނުލައި ސްވިޑެން އަތުން ޕޯޗުގަލް އަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
3/22/2024, 1:46:29 AM
ރާމޯސް ސްވިޑެން ކޮޅަށް ލަނޑުޖެހުމަށް ފަހު ޕޯޗުގަލްގެ ފޯވާޑް ގޮންކާލޯ ރާމޯސް އުފާފާޅުކުރަނީ
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ބުރާސްފަތި ދުވަހުގެ ރޭ ސްވިޑެން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި 5-2 ގެ ނަތީޖާއަކުން ޕޯޗުގަލް އިން ކާމިޔާބުކޮށްފި އެވެ.
މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމުގައި ރޮބާޓޯ މާޓިނޭޒް ހަވާލުވިފަހުން އެޓީމު ޖެހިޖެހިގެން މޮޅުވި 11 ވަނަ މެޗެވެ. އަދި މިއީ މިދެޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިިން ޕޯޗުގަލް މޮޅުވި ފަސްވަނަ މެޗެވެ.
މިރޭގެ މެޗަށް އެކުލަވާލި ޕޯޗުގަލްގެ 24 ކުޅުންތެރިންގެ ސްކޮޑުގައި މުހިންމު ބައެއް ކުޅުންތެރިން ހިމަނާފައި ނުވާއިރު، އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އިން ތިންލަނޑުގެ ލީޑެއް ނެގިއިރު، މެޗުގެ ދެވަަނަ ހާފުގައި ދެޓީމުން ކުރެ ކޮންމެ ޓީމަކުން ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ޕޯޗުގަލްގެ ޒުވާން ފޯވާޑް ރަފައެލް ލެއާއު، މެތިއަސް ނުނޭސް، ބްރޫނޯ ފެނާންޑޭޒް އަދި ބުރުމާގެ އިތުރުން ގޮންކަލޯ ރާމޯސް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ސްވިޑެންގެ ފޯވާޑް ވިކްޓާ ގިޔޯކެރެސްގެ އިތުރުން ފޯވާޑް ގުސްޓާފް ނިލްސަން މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.