މާދަމާ ބޭއްވުމަށް ތާވަލުކޮށްފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މަޑުޖައްސާލަން އޭސީސީން އަންގައިފި
ހަސަން ޝަމްއޫން
3/21/2024, 2:00:00 AM
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (ވ) --
މާދަމާ ރޭ ބޭއަވުމަށް ތާވަލުކުރެވިފައިވާ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބު މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.
އައްޑޫ އިކުއޭޓްރަލް ވިލެޖުގައި ހުކުރު ދުވަހުގެރޭ ބާއްވަން ތާވަލުކޮށްފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މި ވަގުތު ނުބާއްވަން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް، ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމަށް ބެލުމެއް ނެތި، ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިހާބުގެ ކަންކަން ކުރަމުން ދަނިކޮށް، އިއްޔެ، އޭސީސީގެ ޓީމެއް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ވަދެފަ އެވެ.
އޭސީސީން ގާފު ނޫހަށް މައުލޫމާތު ދެއްވިގޮތުގައި އެކޮމިޝަނުން ވަނީ ބުދަ ދުވަހު ލިޔުމުން ބެޑްމިންޓަން އެސޯސިއޭޝަން އަށް އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ. އެގޮތަށް އަންގާފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނާތީ ކަމަށާއި ވަކި އެއްޗެއް އަންގަންދެން އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް އަންގާފައިވާނެ ކަމަށް އޭސީސީން ވަނީ މައުލޫމާތުދީފައެވެ.
ބީއޭއެމްގެ އިސް ވެރިންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އެގޮތުން އެސޯސިއޭޝަނަށް ސްޕޮންސަރުން އަތުން ލިބޭ އެހީ އާއި އާމްދަނީއާއި ހަރަދު ތަކުގެ ތަފްސީލް ރަނގަޅައް ބަލަހައްޓާފައި ނެތުމާއި އެސޯސިއޭޝަނުގެ ބަޖެޓުން ކުރަން ނުޖެހޭ ހަރަދު ތަކެއް ކޮށްފައިވާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ އަމިއްލަ ފިހާރައިން ބެޑްމިންޓަން އެސޯސިއޭޝަން އަށް ބޯޅަ ގަތުމާއި އެ އެސޯސިއޭޝަންގެ ވެރިންގެ އަމިއްލަ ތަންތަން ކުއްޔަށް ހިފައިގެން އެސޯސިއޭޝަންގެ މުވައްޒަފުން ބޭތިއްބުން ކަހަލަ ކޮރަޕްޝަންގެ އެތައް މައްސަލަ ތަކެއްވެސް ވަނީ މީގެ ކުރިން ފެންމަތި ވެފައެވެ.