ޔުނައިޓެޑާއި މެދު އެރިކްސަން ހިތްހަމަނުޖެހިފައި
ހަސަން ޝަމްއޫން
3/20/2024, 1:09:29 AM
އެރިކްސަން (ކ) މިއަހަރު ފެށުނުފަހުން ޓީމުގެ ފުރަތަަމަ އޭގާރައިން ވަނީ ޖާގަ ގެއްލިފައި
އިގިރޭސި ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ކުޅެމުންއަންނަ ޑެންމާކްގެ ތަޖުރިބާކާރު މިޑްފިލްޑަރު ކްރިސްޓިއަން އެރިކްސަން ޔުނައިޓެޑާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ފްރީ އެޖެންޓެއްގެ ގޮތުގައި 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި ޔުނައިޓެޑަށް ސޮއިކުރި އެރިކްސަން އަކީ އޯލްޑް ޓްރެފޯޑްގައި ކުޅުނު ފުރަތަމަ ސީޒަނުގައި ޓެން ހޭގްގެ މުހިއްމު ކުޅުންތެރިއެކެވެ.
އެގޮތުން 2022/23 ވަނަ ސީޒަނުގައި އޭނާ ވަނީ ހުރިހާ މުބާރާތެއްގައި ޔުނައިޓެޑް 44 މެޗު ކުޅެ ދެ ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން އިތުރު 10 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި މިދިޔަ ސީޒަނުގައި ޔުނައިޓެޑާއެކު ލީގުގެ ތިންވަނަ، އަދި ލީގުކަޕްގެ ޗެންޕިއަންކަން ހޯދުމުގެ އިތުރުން އެފްއޭކަޕްގެ ފައިނަލަށް ޔުނައިޓެޑް ގެންގޮސްދިނުމުގައި އެރިކްސަން ވަނީ މުހިންމު ދައުރެއް އަދާކޮށްދީފައެވެ.
އުމުރުން 32 އަހަރުގެ މިޑްފީލްޑަރު ޑެންމާކުގެ ޓިޕްސްބްލެޑެޓާއި ވާހަކަދައްކަމުން ބުނީ މިވަގުތު ކުލަބުގައި ކުޅެން ލިބޭ ވަގުތާއި މެދުން ހިތްހަމަނުޖެހޭ ކަމަށާއި، މިވާހަކަ ކޯޗު އެރިކް ޓެންހަގް އާއި ވެސް ހިއްސާކޮއްފައިވާނެ ކަމަށެވެ.
މިއަހަރު ފެށުނުފަހުން ޔުނައިޓެޑުން 12 މެޗު ކުޅެފައިވާއިރު، އެރިކްސަން އަށް ކުޅެން ލިބިފައިވަނީ ޖުމްލަ 116 މިނެޓެވެ. އަދި މިދިޔައަހަރުގެ ނޮވެމްބަރު މަހު ލިބުނު އަނިޔާއަކާ ގުޅިގެން އެރިކްސަން ދޮޅުމަހެއްހާ ދުވަހު ޓީމާއި ދުރުގައި ހުރުމަށް ފަހު އެނބުރި އައިފަހުން ކޯޗު އެރިކް ޓެންހަގް ގެ ފުރަތަަމަ އޭގާރައިން އޭނާއަށް ވަނީ ފުރުސަތު ގެއްލިފައެވެ.
އިތުރަށް ވާހަކަދައްކަމުން އެރިކްސަން ބުނީ ޒުވާން މިޑްފީލްޑަރު ކޮބީ މައިނޫގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދާއިރު، ޔުނައިޓެޑްގެ މެދުތެރެއަށް ކުޅޭ އެހެން ކުޅުންތެރިން ވެސް ރަނގަޅު ފޯމެއްގައި ތިބުމުން ފުރަތަަމަ އެގާރައިން ޖާގަ ހޯދުމުގައި ވާދަވެރިކަން ވަރަށް ބޮޑުކަމަށެވެ.