ވޮލީބޯލް އެސޯސިއޭޝަނުގެ އިންތިހާބު މި މަހު 26 ގައި
ހަސަން ޝަމްއޫން
3/19/2024, 11:50:07 AM
ރާއްޖޭގައި ބޭއްވުނު އިންޓަރނޭޝަނަލް ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމުގެ އިތުރުން ދެން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ކުރިން ކުރި އިއުލާނު ބާތިލްކުރުމަށް ފަހު، އަލުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލައި، އިންތިހާބީ ކޮންގްރެސް މި މަހު 26 ގައި ބާއްވަން ނިންމައިފި އެވެ.
އެންމެ ފަހުން، ވޮލީބޯލް އެސޯސިއޭޝަނުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކަންކަން ބަލައިނުގަންނަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ނިންމެވި އެވެ. އޭގެ ފަހުން، ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ވޮލީގެ ހިންގާ ކޮމިޓީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އެކުގައި ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ނިންމީ، ވީއޭއެމްގެ އޮޑިޓްގެ މަސައްކަތް ކުރަަން މުހުލަތެއްދިނުމަށް ފަހު، ގާނޫނީ ގޮތުން ދެން ފުރިހަމަވާން ޖެހޭ ކަންކަން ވެސް ފުރިހަމަކޮށް، ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމުގެ ފުރުސަތު ދޭ ގޮތަށެވެ.
ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) މި މަހު އެއް ވަނަ ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދިނުމާ އެކު، އެ މަގާމާއި، މިދިޔަ މަހު ފާސްކުރި ވޮލީ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ބުނާ ހިންގާ ކޮމިޓީގެ ހުރި މެމްބަރުން ނެތް މަގާމުތަކަށް މީހުން އިންތިހާބު ކުރަން، ކޮންގްރެސް އެއް ބާއްވަން ފުރަތަމަ ތާވަލުކުރީ މި މަހު 15 ގަ އެވެ.
ނަމަވެސް، ކޮންގްރެސް އެއް ބާއްވައި، އިންތިހާބު 19 އަށް ފަސްކުރި އެވެ. އެންމެ ފަހުން، މިއަދު އިއުލާނެއް މެދުވެރިކޮށް، ވޮލީ އެސޯސިއޭޝަނުން ނިންމާފައިވަނީ އިންތިހާބީ ކޮންގްރެސް މި މަހު، 26 ގައި ކުރިއަށް ގެންދިއުމަށެވެ.