ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ތަހުގީގު ކުރަނީ
އަލްފާ އަލީ
3/19/2024, 11:22:18 AM
-
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީ އިން ބުނެފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާގޮތަށް އެކޮމިޝަނަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދުމަށް އެކޮމިޝަނުންގެ ތަހުގީގް ޓީމެއް އެ އެސޯސިއޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ބީއޭއެމްގެ އިސް ވެރިންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އެފަދަ އެތައް މައްސަލައެއް މީގެ ކުރިންވަނީ ފެންމަތިވެފައެވެ. އެގޮތުން އެސޯސިއޭޝަނަށް ސްޕޮންސަރުން އަތުން ލިބޭ އެހީ އާއި އާމްދަނީއާއި ހަރަދު ތަކުގެ ތަފްސީލް ރަނގަޅައް ބަލަހައްޓާފައި ނެތުމާއި އެސޯސިއޭޝަނުގެ ބަޖެޓުން ކުރަން ނުޖެހޭ ހަރަދު ތަކެއް ކޮށްފައިވާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ އަމިއްލަ ފިހާރައިން ބެޑްމިންޓަން އެސޯސިއޭޝަން އަށް ބޯޅަ ގަތުމާއި އެ އެސޯސިއޭޝަންގެ ވެރިންގެ އަމިއްލަ ތަންތަން ކުއްޔަށް ހިފައިގެން އެސޯސިއޭޝަންގެ މުވައްޒަފުން ބޭތިއްބުން ކަހަލަ ކޮރަޕްޝަންގެ އެތައް މައްސަލަ ތަކެއްވެސް ވަނީ މީގެ ކުރިން ފެންމަތި ވެފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީ އިން ތަހުގީކުރާކަން މިއަދު ހާމަކޮށްފައި ވާއިރު 10 މާޗުގައި ބޭއްވި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މިއަހަރުގެ ފުރަތަަމަ ޖަލްސާގައި ވަނީ 22 މާރިޗު 2024 ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީ އީކުއޭޓަރ ވިލެޖް ގައި އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ފާސްކޮށްފައެވެ. މި ޖަލްސާގައި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ އައު ދައުރަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ.