ވިނީޝިއަސް ޖޫނިއަރ ގެ ދެ ލަނޑާއެކު ރެއާލް މެޑްރިޑުން ފަރަގު ބޮޑުކޮށްފި
ހަސަން ޝަމްއޫން
3/17/2024, 7:53:24 AM
ވިނީޝިއަސް އަދި ބްރަހީމް ޑިއާޒް އޮސަސޫނާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި އޮސަސޫނާ އާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ފަރަގު ބޮޑުކޮށްފި އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗު ފެށިގެން ތިންވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.
މިއީ އޮސަސޫނާގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އޮސަސޫނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރޮއޭޝިޔާގެ ފޯވާޑް އަންޓޭ ބުޑިމިރް އެވެ.
ރެއާލް މެޑްރިޑުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޑެނީ ކަވަހާލް އެވެ. މިއީ އެޓީމުގެ އުރުގުއާއީ މިޑްފީލްޑަރު ފެޑްރިކޯ ވަލްވޭޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޮރޮކޯގެ ފޯވާޑް ބްރަހީމް ޑިއާޒް އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ވިނީޝިއަސް ޖޫނިއަރ ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
އޮސަސޫނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު އީކަރ މުނޯޒް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 29 މެޗުން ރެއާލް މެޑްރިޑަށް 72 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮސަސޫނާ އިން ލީގުގައި ކުޅުނު 29 މެޗުން ލިބުނު 36 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ.
މީގެ އިތުރުން މިމެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާއަށް ދެއްކި ރީނދޫ ކާޑާއެކު ފަސް ކާޑު ހަމަވުމުގެ ރެއާލް މެޑްރިޑަށް ލީގުގައި ކުރިއަށް އޮތް އެތްލެޓިކް ބިލްބާއޯ މެޗަށް އޭނާ ވަނީ ސަސްޕެންޑްވެފައެވެ.